ޚަބަރު

އިންޒާރުތަކަކާއެކު އިދިކޮޅުގެ ރައްދު: ޔާމީންއާ ގުޅުވައިގެން ރައީސް ހެއްދެވީ ބުހުތާނު ދޮގު، ތެދުކަން ސާބިތުކޮށްދީ!

އަލީ ޔާމިން

ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހެއްދެވީ ބުހުތާނު ދޮގު ކަމަށާއި އެ ވާހަކައިގެ ތެދުކަން ސާބިތުކޮށްދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން މިފަދައިން ބުނީ، ރައީސް ޔާމީންގެ ވެރިކަން ނިނުމުއިރު ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމަށް ވިދާޅުވެ ރައީސް ދެއްކެވި ވާހަކަފުޅުތައް ދޮގުކޮށް އިއްޔެ ނެރުނު ދިގު ބަޔާނެއްގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ދައުލަތުގެ ދަރަންޏަކީ 26 ބިލިއަން ރުފިޔާ ކަމަށާއި އެމަނިކުފާނު ދައުރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށް ރައީސް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ. އަދި ދައުލަތުގެ ދަރަނި ބޮޑުވެފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ނެގި ލޯނުތަކުގެ ސަބަބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އިދިކޮޅުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ރައީސް ޔާމީނާ މެދު ކުރެއްވި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސް ސޯލިހަށް ޗެލެންޖު ކުރާ ކަމަށާއި ރައީސް ސޯލިހު ހެއްދެވީ ތެދުކަން ސާބިތު ނުކޮށްދެވިއްޖެ ނަމަ ރައްޔިތުން އެމަނިކުފާނުގެ ވެރިކަމުން ބާލާ ދުވަހު، ގާނޫނީ އިމުގެ ތެރެއިން މިއަދު ދައްކަވަމުންގެންދަވާ ވާހަކަތަކާއި ހިންގަވަމުންގެންދަވާ ޖަރީމާތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަން ހަނދާންކޮށްދޭ ކަމަށެވެ.

"އެދުވަހަކުން، ކޯޓުގައި ހުންނަވައިގެންވެސް ސާބިތުނުކޮށްދެއްވޭނަމަ، ދިގު މުއްދަތަށް ޖަލުގެ ގޮޅީގައި މަނިކުފާނުވެސް އޮންނަވަން ޖެހިވަޑައިގަންނަވާނެ ދުވަސް ގާތްވަމުން އަންނަކަން ދަންނަވާލަމެވެ. ނުހައްގުން އަނިޔާވެރިގޮތަކަށް ޖަލަށްލައިގެން މި ޕާޓީގެ ރައީސް ގެންގުޅުއްވާތާ އެއް އަހަރު ފުރެމުންދާކަން މިޕާޓީގެ އެއްވެސް މެންބަރެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެކަން ވިސްނައިވަޑައިގަތުން ބުއްދިވެރިއެވެ. ބޭރުގެ އިސްތިއުމާރީ ބާރެއްގެ މަދަދާއި ފައިސާއިން، އަދި ގާނޫނު އަސާސީއާއި ގާނޫނުތައް މުގުރުމުގެ މަތީ ތާއަބަދު ވެރިކަމުގައި ހުންނެވޭނެ ކަމަށް ހީފުޅުކުރެއްވުމަކީ ބޮޑު ކުށެކެވެ..،" އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، ރައީސް ޔާމީން ވަޑައިގަތީ 85 ރަށުގެ ފައިސާ ހިއްޕަވައިގެން ކަމަށާއި ގައުމު ނުހިންގެވިގެން އުޅުއްވަނީ އެހެންވެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ހެއްދެވީވެސް ކަނޑައެޅިގެން ދޮގު ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އިދިކޮޅުން ބުނީ، ރައީސް ސޯލިހަށް ގައުމު ނުހިންގެވިގެން އުޅެނީ އެމަނިކުފާނުގެ ނުކުޅެދުންތެރިކަމުގެ ސަަބަބުން ކަމަށާއި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިއަދު މިއޮތް ސަރުކާރުގައި އިންތިހާއަށް ފަސާދަ ބޮޑުވެފައިވުން ކަމަށެވެ.

އިދިކޮޅުން ބުނީ ރައީސް ޔާމީންގެ ވެރިކަން ނިނުމުއިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 74 އިންސައްތައިގައި ކަމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރުވީއިރު އެ އަދަދު ދުނިޔޭގެ ރެކޯޑު އަދަދަކަށް އިތުރުކުރައްވައި، 107 އިންސައްތައަށް އުފުއްލަވާލައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ލޯނުތައް ނަގާކަން ފާހަގަކޮށް އިދިކޮޅުން ބުނީ، ރައީސް ސޯލިހުގެ ސަރުކާރުން މިހާތަނަށް 1.6 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށެވެ. ރައީސް ސޯލިހު މިދިިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، މިއަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައިވާ ހަތަރު ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނި ދައްކަން ޖަހާފައިވާ ހަތަރު ބިލިއަން ރުފިޔާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ޗައިނާގެ އަތުން ބޮޑެތި އަދަދުތަކުން ލޯނުތައް ވަނީ ނަގައިފައެވެ. މި ސަރުކާރުގެ ކެބިނެޓްގެ މިނިސްޓަރުން ސިފަކުރައްވާ ގޮތުގައި ޗައިނާއިން ނެގި ލޯނުތަކަކީ ދަރަނީގެ ދަންތުރައެކެވެ. މި ސަރުކާރުން އިންޑިއާގެ އަތުން ލޯނު ނަގާތީ އެކަމާ އިދިކޮޅުގެ ފާޑުކިޔުން އަމާޒުވުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޗައިނާއިން ނެގި ލޯނާއި އިންޑިއާއިން ނެގި ލޯނާ ވަރަށް ތަފާތު ކަމަށެވެ. އެގޮތުން އިންޑިއާއިން ނަގާފައިވާ ލޯނުތަކަކީ، ވަރަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ނަގާފައިވާ އަދި ކޮންސެސަނަލް ލޯނުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.