ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރަށްފަޅުހުރާއިން އިތުރު 42 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ 95 އަށް އަރައިފިއެވެ.

ރަށްފަޅުހުރާ ހިއްކައިގެން ރިސޯޓް ތަރައްގީކުރަމުން އަންނަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ބްރޭންޑް ކަމަށްވާ "ދަ ރިޓްޒް ކާލްޓަން" އިންނެވެ.

ރަށްފަޅު ހުރާ ހިއްކައިގެން ހަތަރު ރަށެއް ތަރައްގީކުރަމުން އަންނަ އިރު، އެ ރަށްރަށުގައި 2،000 އަށްވުރެ ގިނަ މުވައްޒިފުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު އިތުރު 42 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރަށްފަޅުހުރާއިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެޗްއީއޯސީގެ ޓީމެއް ރަށްފަޅުހުރާގެ ހަތަރު ރަށައް ދަތުރުކޮށް އެސެސްމަންޓެއް ވަނީ ހަދައިފަ އެވެ. އަދި ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިވަގުތު އެ ރަށްރަށުގައި 130 މީހަކު ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ޕޮޒިޓިވްވި މީހުންނާ ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންނެވެ.

ރަށްފަޅުހުރާއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނުނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެދުވަހު އެ ރަށުން ނެގި 249 ރެންޑަމް ސާމްޕަލްގެ ތެރެއިން 26 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ރަށްފަޅުހުރާ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިންނެވެ.