ޚަބަރު

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފައްދައިފި

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް މިއަދު އުފައްދައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މި ޑިޕާޓްމަންޓް ހިންގާނީ ވެސް އެ މިނިސްޓްރީގެ ދަށުންނެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ގާނޫނެކެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ކަނޑައެޅިގެން ދާނެ އެވެ.

އެ އިދާރާއަކީ ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާގުޅޭ މައްސަލަތައް ބެލުމުގައި ކުޑަކުދިންގެ މަންފާއަށްޓަކައި މަސައްކަތްކޮށްދީ، އެކުދިން ހެޔޮގޮތުގައި މުޖުތަމައަށް ރުޖޫއަކުރުމުގައި އިސް ދައުރެއް އަދާކުރާނެ އިދާރާ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ. އެގޮތުން ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓް މިއަދު ހުޅުވުމުން ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ޖުވެނައިލް ޖަސްޓިސް ޔުނިޓް އުވޭނެ އެވެ.

ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓް ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރު އިމްރާން ވިދާޅުވީ، މުޖުމަތައުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކަމުގައިވާ ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަކީ ކުޑަކަމެއް ނޫން ކަމަށާއި އެއީ ވަރަށް ބޮޑު ޒިންމާއަކާއި އަމާނާތެއް ކަމަށެވެ. އަދި ރާއްޖޭގެ މުޖުތަމައުގެ ކަންކަން އޮތްގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ތެރެއަށް ވަންނަ ކުދިން ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެން މެނުވީ ރާއްޖޭގެ މުސްތަގުބަލު އުޖާލާ އަލިވެގެން ނުދާނެ ކަމަށް ވިދާޅުވި އެވެ.

"އާންމު އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ހަރުދަނާ ގޮތެއްގައި ހިންގި އެ ނިޒާމް ފުރިހަމަ ކުރެވުމަކީ މުޖުތަމައު ހަރުދަނާވެ, ބަދަހިވެ ދުޅަހެޔޮވުން. އެކަމަށްޓަކައި އަޅުގަނޑުމެން މިއެޅި ބިންގަލަކީ ވަރަށް މުހިއްމު ބިންގަލެއް" މިނިސްޓަރު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ޑިޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޑިރެކްޓަރު ފާތިމަތު ރޫނާ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ކުޑަކުދިން ޖަލަށް ދިއުމުގެ ކުރިން އެކުދިން އަނބުރާ މުޖުތަމައުއަށް ގެނައުން ކަމަށެވެ. އަދި އެކުދިން ތިބެން ޖެހޭނީ ގޭގައި އަދި ސްކޫލުތަކުގައި ކަމަށާއި މުހިއްމު އަމާޒަކީ އެއީ ކަމަށް ވިދާޅުވި އެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެއްދުމާއެކު ގާނޫނާ ހިލާފުވާ 18 އަހަރުން ދަށުގެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް ކޭސްވޯކް ކުރުމަށާއި އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް މިއަދުން ފެށިގެން ހިންގާނީ އެ އިދާރާއިންނެވެ.

އޭގެ އިތުރުން ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޝަރުއީ އަދި ތަހުގީގީ މަރުހަލާގައި ވެސް މަސައްކަތްކޮށް ޑައިވާޝާން ޕްރޮގްރާމްތަކާއި ކޮމިއުނިޓީ ކޮންފަރަންސިން ރާވާ ހިންގުމުގެ އިތުރުން، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ ކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުހަލާއެއްގައި ކުޑަކުދިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތް ކުރާނީ ވެސް އެ ޑިޕާޓްމަންޓުންނެވެ. އަދި ހޭލުންތެރި ކުރުވުމާއި ބަންދުގައި ތިބޭކުދިންގެ ހާލަތު މޮނިޓާ ކުރުމުގެ މަސައްކަތް ވެސް އެ ޑިޕާޓްމަންޓަށް މަތިކޮށްފައިވެ އެވެ.