ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރަށްފަޅުހުރާއިން އިތުރު 15 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ 53 އަށް އަރައިފިއެވެ.

ރަށްފަޅުހުރާ ހިއްކައިގެން ރިސޯޓް ތަރައްގީކުރަމުން އަންނަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ބްރޭންޑް ކަމަށްވާ "ދަ ރިޓްޒް ކާލްޓަން" އިންނެވެ.

ރަށްފަޅު ހުރާ ހިއްކައިގެން ހަތަރު ރަށެއް ތަރައްގީކުރަމުން އަންނަ އިރު، އެ ރަށްރަށުގައި 2،000 އަށްވުރެ ގިނަ މުވައްޒިފުން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ރަށްފަޅުހުރާއިން މިއަދު އިތުރު 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"ރަށްފަޅުހުރާއިން މިހާތަނަށް ޖުމްލަ 53 މީހަކު މިވަނީ ޕޮޒިޓިވްވެފައި." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރަށްފަޅުހުރާއިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެޗްއީއޯސީގެ ޓީމެއް ރަށްފަޅު ހުރާގެ ހަތަރު ރަށައް އިއްޔެގެ ވަގުތެއްގައި ދަތުރުކޮށް އެސެސްމަންޓެއް ހަދާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިވަގުތު އެ ރަށްރަށުގައި 130 މީހަކު ވަނީ ކަރަންޓީންކޮށްފައެވެ. އެ އެންމެންނަކީވެސް ޕޮޒިޓިވްވި މީހުންނާ ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންނެވެ.

ރަށްފަޅުހުރާއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު އެ ރަށުން ނެގި 249 ރެންޑަމް ސާމްޕަލްގެ ތެރެއިން 26 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ރަށްފަޅުހުރާ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިންނެވެ.