ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 69 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 69 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 11،475 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 68 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 36 ދިވެއްސަކާއި 32 ބިދޭސީންނެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހަތަރު ދުވަހު ކޮވިޑް ކޭސްތަކުގެ އަދަދު 40 އިން މަތީގައި އުޅުމަށްފަހު އިއްޔެ ވަނީ ކޭސްތަކުގެ އަދަދު ވެއްޓިފައެވެ. އެ ހަތަރު ދުވަހުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު 110 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށްފަހު ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އެރި ފުރަތަމަ ފަހަރެވެ. އިއްޔެ ޕޮޒިޓިވްވީ 29 މީހެކެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 12،452 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 332 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 73 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 45 މީހަކު ވަނީ މަރުވެފައެވެ. އެއީ 38 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.