މިދިޔަ 24 ގަޑިއިރު ތެރޭ 68 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 12،452 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 36 ދިވެއްސަކާއި 32 ބިދޭސީން ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހަތަރު ދުވަހު ކޮވިޑް ކޭސްތަކުގެ އަދަދު 40 އިން މަތީގައި އުޅުމަށްފަހު އިއްޔެ ވަނީ ކޭސްތަކުގެ އަދަދު ވެއްޓިފައެވެ. އެ ހަތަރު ދުވަހުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު 110 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށްފަހު ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އެރި ފުރަތަމަ ފަހަރެވެ. އިއްޔެ ޕޮޒިޓިވްވީ 29 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 69 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 11،475 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 925 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 332 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 73 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 45 މީހަކު ވަނީ މަރުވެފައެވެ. އެއީ 38 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.