ދިވެހިރާއްޖޭގެ ތާރީޚު

ދިވެހީންގެ ދަރިކޮޅުތަކާއި މަތިކޮޅުތައް 2

އިޔާޒު ނަސީމް

1

އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ އާއިލާއަކީ އައްޑުއަތޮޅާއި ފުވައްމުލަކުގައި އިސްލާމީ ތައުލީމުގެ ބިންގާ އަޅުއްވައި ދެއްވި އާއިލާއެވެ. މުޅި އައްޑުއަތޮޅު އެ ބެއިކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމް ވީ ޔޫސުފުނާއިބު ކަލޭގެފާނަކީ ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ މުނިކާފަ ދަރިކަލުންނެވެ.

ޔޫސުފު ނާއިބުކަލޭގެފާނުގެ ވާހަކައާއި ނަސަބު ހަރުދަނާ ގޮތެއްގެ މަތީން ބެލެހެއްޓެމުން އަންނަ ކަން "އަލްއިޞްލާޙު" މަޖައްލާގެ 4 ވަނަ އަދަދުގެ ހަތްވަނަ ސަފްހާގައި، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވައިފައި ވާ ލިޔުއްވުމުން އެނގިގެން ދެއެވެ. ޙުސައިން ޞަލާޙުއްދީނު ލިޔުއްވައިފައިވެއެވެ. "އައްޑޫ އަތޮޅު މީހުން އިސްލާމްވީ މާލެ އިސްލާމްވުމާއި ދާދި ގާތުގައި އެ އަތޮޅަށް ފިލައެއްގެ މަތީގައި ލެއްގި ބެއިކަލަކުގެ އަތްޕުޅުގެ މައްޗަށް ކަމަށް އެ އަތޮޅުގެ މީހުން އިހު ޒަމާނުއްސުރެ ތަވާތުރު ގޮތް މަތީން ވާހަކަ ދައްކަތެވެ. އެބެއިކަލަކަށް ނަމަކަށް ކިޔަނީ ޔޫސުފުނާއިބު ކަލޭގެފާނެވެ. މި ބެއިކަލަކުގެ ނަސަބާއި ނަސަލު އެމީހުން ކިޔައި އުޅެތެވެ. މި ބެއިކަލަކު ފަސްދާނު ލެވިގެން ވަނީ އައްޑޫމީދޫ ކޯގަންނު މެދުޒިޔާރަތުގައެވެ. މި ބެއިކަލަކުގެ ދަރިކަލުން ޔަޙްޔާ ނާއިބު ކަލޭގެފާނުންގެ ޒިޔާރަތް އެހުރީ ފުވައްމުލަކު ގެމް މިސްކިތްދޮށުގައެވެ.. މި ވާހަކައަކީ ވެސް ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައިފައި ނެތެއް ކަމަކު ޒަމާނުއްސުރެ ދޮގު ނުކުރެވޭނޭ މަގުން ތަވާތުރުގެ ގޮތް މަތީން އަންނަ ޚަބަރެކެވެ."

ޙުސައިން ޞަލާޙުއްދީނު "އަލްއިޞްލާޙު" މަޖައްލާގައި ލިޔުއްވައިފައި ވާ ލިޔުންކޮޅަށް ފަހު، ދެން މި ހިއްސާ ކޮށްލަނީ ފުވައްމުލަކުގައި އުފެދުނު އިލްމުވެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ އަދި ފުވައްމުލަކުގެ ނައިބުކަން އެންމެ ފަހުން ކުރެއްވި، ފުވައްމުލަކު އަސްރަފީގޭ އައްޝައިޚް އަލްމަރްޙޫމް އިބްރާހީމް ސަޢީދު މޫސާ ފަތްތޫރައިގައި ލިޔުއްވައިފައި ވާ ލިޔުންކޮޅެކެވެ.

އިބްރާހީމް ސަޢީދު މޫސާ ލިޔުއްވައިފައި ވެއެވެ. "ފުވައްމުލަކަށް ދީނަށް ގޮވައިލެއްވުމަށް އެންމެ ފުރަތަމަ ވަޑައިގަތީ އައްޑުއަތޮޅު މީދޫ ޔަޙްޔާނާއިބު ކަލޭގެފާނުގެ ޔޫސުފްނާއިބު ކަލޭގެފާނުގެ ޢަބްދުނާއިބް ކަލޭގެފާނެވެ. އޭނާގެ ގޮވައިލެއްވުމަށް އިޖާބަދިނީ ވަރަށް މަދު ބަޔެކެވެ. ގިނަމީހުން އެކަލޭގެފާނާ ދެކޮޅުހަދައި އެންމެފަހުން އެކަލޭގެފާނު ޝަހީދުކޮށްލީއެވެ. ބުނެވެނީ ދިގުވާނޑު ވޭރެގަމިގޭ މަގުން އެކަލޭގެފާނު ދުރުވަނިކޮށް އެ މަގު ކައިރީގައި ހުރި ރާރުކެއްގައި މަޑަޔެއް ހިފައިގެން އެކަލޭގެފާނުގެ އިންތިޒާރުގައި އޮތްމީހަކު މަޑައިން ޖަހައި އެކަލޭގެފާނު ޝަހީދު ކުރީ ކަމުގައެވެ. އެކަލޭގެފާނު ވަޅުލެވިފައިވަނީ ދިގުވާނޑު މިސްކިތު އިރުމަތީގައި ހުރި ބިސްތާނުގައި ވާ ޒިޔާރަތުގައެވެ. ދިގުވާނޑު މިސްކިތް ބޮޑުކޮށް އަލުން ޢިމާރާތްކުރިއިރު ޢަބްދުނާއިބު ކަލޭގެފާނުގެ ޤަބުރު މިތަނުން ނަގައި 4 ސެޕްޓެމްބަރ 1997 މ. ގައި ވަނީ އަރުއްފަންނު ޤަބުރުސްތާނުގައި ވަޅުލެވިފައެވެ. މިރަށަށް ދީނަށް ގޮވައިލެއްވުމަށް ދެވަނަޔަށް ދުރުވީ އޫސުފްނާއިބު ކަލޭގެފާނުގެ އަނެއްދަރިކަލުން އަބޫބަކުރު ނާއިބުކަލޭގެފާނެވެ. މިކަލޭގެފާނު ދުރުވެ ހުންނެވީ މިރަށު ހޯދަޑުގައެވެ. މިކަލޭގެފާނުގެ ގޮވައިލެއްވުމަށް އެންމެ ފުރަތަމަ އިސްލާމްވީ ހޯދަޑު އަވަށުމީހުންނެވެ. އޭގެފަހުގައި މުޅިރަށުގެ އަހްލުވެރިން އިސްލާމްދީން ޤަބޫލުކޮށްފިއެވެ. އެންމެ ފުރަތަމަ އިސްލާމްވީ ހޯދަޑު އަވަށު މީހުން ކަމަށްވާތީ އެކަމުގެ ޝަރަފާއި ގަދަރު ޒަމާނުއްސުރެ އެއަވަށަށް ވަނީ ދެވިފައެވެ. ވެރިކަމުގެ ފަރާތުން، ދީނީގޮތުން ވިޔަސް ސިޔާސީ ގޮތުން ވިޔަސް އަވަށް އަވަށު ރައްޔިތުންނާ ވަކިވަކިން ބައްދަލު ކުރާނަމަ އެންމެ ފުރަތަމަ ބައްދަލުކުރާނީ ހޯދަޑު އަވަށު ރައްޔިތުންނާއެވެ. ގަނޑު މާލޫދު ޞަލަވާތް ކިޔައިއުޅުނު ދުވަސްވަރު އެއްއަރިން ކައްކައިގެން އަނެއް އަރިޔަށް ދައުވަތުދީގެން މައުލޫދު ކިޔާނަމަ، ހޯދަޑު ހިމެނިފައިވަނީ މާދަޑުއަރީގައި ކަމަށްވާތީ ފަށަނީ މާދަޑު އަރިންނެވެ. ހުކުރު މިސްކިތުގައި ރައްޔިތުންގެ ފަރާތުން ކިޔާ މާލޫދުތަކުގައި ދުންމުށިގަނޑު ބަހައްޓާނީ ހޯދަޑު ސަރުދާރެކެވެ. މިރަށު ގެން މިސްކިތަކީ އަބޫބަކުރު ނާއިބު ކަލޭގެފާނު ޢިމާރާތް ކުރެއްވި މިސްކިތެވެ. މިއީ މިރަށުގައި އެންމެ ފުރަތަމަ ޢިމާރާތް ކުރެވުނު މިސްކިތެވެ. އަބޫބަކުރު ނާއިބު ކަލޭގެފާނު ފަސްދާނު ލެވުނީ ގެން މިސްކިތު އިރުމަތީ ފަރާތުގައި ހުރި ބިސްތާނުގެ ތެރޭގައިވާ ޒިޔާރަތުގައެވެ."

ޙުސައިން ޞަލާޙުއްދީނުގެ ލިޔުއްވުމާއި އިބްރާހީމް ސަޢީދު މޫސާގެ ލިޔުއްވުމަކީ ލިޔެވެމުން މި ދާ ދަރިކޮޅުގެ އާއިލީ ތާރީހާ ގުޅުން ހުރި ލިޔުއްވުންތަކަކަށް ވާތީ އެ ބޭފުޅުން ލިޔުއްވައިފައި ވާ ގޮތަށް ކިޔުންތެރީންނާ ހިއްސާ ކޮށްލީއެވެ. އަމިއްލަ އިބާރާތުން ހަވާލާދީގެން ލިޔުމަށް ވުރެ ތާރީހީ މިފަދަ ލިޔުމެއްގައި ބުރަދަން ބޮޑު ވާނީ އަސްލުގައި އޮތް އިބާރާތުން އޮތިއްޔާ ކަމަށް ގަބޫލު ކުރެވޭތީއެވެ.

ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބު، ހޯދަޑު ދޮންބުޅަލި ކަނބުލޭގެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވީ ޢަބްދު ނާއިބުއާއި އަބޫބަކުރު ނާއިބުއާއި ދޮން ޙަސަން ޚަޠީބު ކަލޭގެއާއި ދޮން އައިހާ ކަނބުލޭގެއެވެ. މީގެ ތެރެއިން ދޮން ޙަސަން ޚަޠީބުކަލޭގެ (ހޯދަޑު ކަތީބުކަލޭގެ) ދަރީންނީ، މުޙައްމަދު އަޑަފިކަލޭގެއާއި ކަނބުރު އަދަރަހަން ކަތީބުއާއި، ދޮން އަބޫބަކުރު ކަތީބުކަލޭގެ (ދޮން އަބާކިރު ކާންދަރިކަލޭގެ)އާއި ދޮންދޮނި ކަނބުލޭގެއާއި ދޮން އައިހާއާއި އިހަލަގެދަރު ދޮންކައިދާބޫއާއި ހެނިޔަރު އައްލޭކަލޭގެއެވެ. ހެނިޔަރު މިސްކިތަކީ މި އައްލޭ ކަލޭގެ ބިނާ ކުރި މިސްކިތެކެވެ. ހޯދަޑު މިސްކިތް ބިނާ ކުރެއްވީ ހޯދަޑު ކަތީބުކަލޭގެއެވެ. މިކަން އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ، ފުވައްމުލަކު މިސްކިތްތަކުގެ ވަނަވަރު ފޮތުން ކުރެއްވި ނަކަލުން އެނގޭން އޮވެއެވެ.

ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބު، ހޯދަޑު ދޮންބުޅަލި ކަނބުލޭގެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި ދޮން އައިހާ ކަނބުލޭގެ ދަރިއަކީ ދޮން އަދެއްލަ ކާންދަރިކަލޭގެއެވެ. ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބު، ހޯދަޑު ދޮންބުޅަލި ކަނބުލޭގެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި ޢަބްދު ނާއިބުގެ ދަރީންނީ ޔަޙްޔާ ނާއިބު ކަލޭގެފާނާއި ދަމަލީ ދޮންބުޅަލި ކަނބުލޯއާއި އަލްގެދަރި ދޮންބުޅަލި ކަނބުލޭގެއެވެ. ޔަޙްޔާ ނާއިބުގެ ދަރިކަލުން ޔޫސުފް ނާއިބު، ހޯދަޑު ދޮންބުޅަލި ކަނބުލޭގެއާ ކައިވެނި ބައްލަވައިގެން ލިބިލެއްވި އަބޫބަކުރު ނާއިބުގެ ދަރިކޮޅެއް ނެތެވެ.