ކޮވިޑުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން ކުލިތައް ދެއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިން ލުއިތައް އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފުލެޓް، ގޯތި، ރޯހައުސް އަދި ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިންސްޓޯލްމަންޓް ނުވަތަ ކުލީގެ 30 އިންސައްތައަށްވާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ނިންމާފައިވާ ނިންމުން އަންނަ މަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ތިލަފުށިންނާއި ގުޅީފަޅުން ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށްވެސް އެ ލުއި ދިނުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެގޮތުން އޭޕްރީލް މަހުން ފެށިގެން އިންސްޓޯލްމަންޓް ނުވަތަ ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ ދެއްކުން ފަސްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި އަންނަ މަހުގެ 31ގެ ނިޔަލަށް، އެ ކޯރަޕޭޝަނުގެ ވެބްސައިޓުގައިވާ އޮންލައިން އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ ކަމަށާއި އިންސްޓޯލްމަންޓް ނުވަތަ ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ ދެއްކުން ފަސްކޮށްދެވޭނީ މިއަހަރުގެ މާޗު 31އާ ހަމައަށް އެއްބަސްވުމުގެ ދަށުން ގަވައިދުން ފައިސާ ދައްކާ ފަރާތްތަކަށް ކަމަށްވެސް އެޗްޑީސީން ބުންޏެވެ. އަދި އެއާއެކު ކޮންމެ މަހަކު ދައްކަންޖެހޭ އިންސްޓޯލްމަންޓް ނުވަތަ ކުއްޔަށްވާ ފައިސާގެ 70 އިންސައްތަ އެ ކޯޕަރޭޝަނަށް ދައްކައި ހަލާސްކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 15އާ ހަމައަށް ދެވޭނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، ޑައިރެކްޓް ޑެބިޓް އުސޫލުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފްލެޓު، ގޯތި، ރޯހައުސްއަށް އިންސްޓޯލްމަންޓް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން އިންސްޓޯލްމަންޓް ދެއްކުން ފަސްކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ކުރިއަށް އޮތް މަސްތަކުގައިވެސް އިންސްޓޯލްމަންޓްގެ 30 އިންސައްތަ ރީފަންޑް ކުރަން ބޭނުންވާ ނަމަ އެކަން އެ ކޯޕަރޭޝަނަށް އެންގުމުން ރީފަންޑް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖައްސާފައިވާ މަސްތަކުގެ އިންސްޓޯލަމަންޓް ނުވަތަ ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ އަނބުރާ ދައްކަން 12 މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތެއް (ކަސްޓަމަރުން އެދޭ ގޮތެއްގެ މަތިން) ދިނުމަށް ހަމަޖައްސާފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، އެއްބަސްވުމުގެ ދަށުން އެ ކޯޕަރޭޝަނަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ، ގަވައިދުން ފައިސާ ނުދެއްކިވާ ފަރާތްތަކުން އެކަމަށް އެދި އެ ކޯޕަރޭޝަނަށް ހުށަހެޅުމުން، އެ ކޯޕަރޭޝަނުން އަމަލުކުރަމުންދާ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ފައިސާ ދެއްކުމަށް ލުއިތަކެއް ދެވޭނެ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން އިންސްޓޯލްމަންޓް ނުވަތަ ކުލީގެ 30 އިންސައްތަ ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައިވާ ކޮވިޑް 19 އާ ގުޅިގެން ފައިސާ ދެއްކުން ފަސްކުރުމަށް ހުށަހަޅަންޖެހޭ އޮންލައިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، އަންނަ މަހުގެ 31ގެ ކުރިން އެ ކޯޕަރޭޝަނަށް ހުށަހެޅުން އެދޭ ކަމަށް އެޗްޑީސީން ބުންޏެވެ.