މިދިޔަ 24 ގަޑިއިރު ތެރޭ 29 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 12،384 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި ދިހަ ބިދޭސީން ކަމަށެވެ.

މިދިޔަ ހަތަރު ދުވަހު ކޮވިޑް ކޭސްތަކުގެ އަދަދު އުޅުނީ 40 އިން މަތީގައެވެ. މިދިޔަ ހޮނިހިރު ދުވަހު 42 މީހުން ޕޮޒިޓިވްވި އިރު، މިދިޔަ އާދީއްތަ ދުވަހު 50 މީހުން ޕޮޒިޓިވްވިއެވެ. މިދިޔަ ހޯމަ ދުވަހު 110 މީހުން ޕޮޒިޓިވްވެފައިވާ އިރު، އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށްފަހު ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އެރި ފުރަތަމަ ފަހަރެވެ. އަދި އިއްޔެ ޕޮޒިޓިވްވީ 41 މީހުންނެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 18 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 11،406 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 926 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 351 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 72 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 45 މީހަކު ވަނީ މަރުވެފައެވެ. އެއީ 38 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.