ދައުލަތުން ކުރާ ކޮންމެ ކަމަކީ އެއިން އާމްދަނީއެއް ލިބޭނެ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު އެހެން ވިދާޅުވީ، ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުޓްސަލް ދަނޑުތައް އަޅައިގެން ސަރުކާރަށް އާމްދަނީއެއް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވަމުން އަންނަ ކަމަށް ބުނެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފައްޔާޒު ވިދާޅުވީ، ރައްޔިތުންގެ ދުޅަހެޔޮކަމާއި އުފާވެރިކަމަށް ވެސް ސަރުކާރުން ހަރަދު ކުރާނެ ކަމަށާއި ޓެކްސް ނެގުމާއި އެހެން ކަންކަން ތައާރަފު ކުރަނީ އެކަންކަމަށް ހަރަދު ކުރުމަށް ކަމަށެވެ.
އެގޮތުން ޓެކުހުން ލިބޭ ފައިސާ އިތުރުކޮށް ދައުލަތަށް އެއިން ފައިދާ ވައްދައި އަދި ޓެކްސް ނަގާއިރު ވިޔަފާރިތައް ހަލާކު ނުކޮށް ފަހިވާނެ ގޮތަށް ހެދުމަކީ އިކޮނޮމިކް މިނިސްޓްރީގެ ވަރަށް ބޮޑު މެންޑޭޓެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ކުޅިވަރަކީ މުހިންމު ކަމެއް. ޒުވާނުންގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެއް. އޭގެން ވަކި ފައިސާއެއް ނުލިބުނު ކަމަށް ވިޔަސް ހަރަދު ކުރަން ޖެހޭ ކަމެއް. އަޅުގަނޑުގެ މަސައްކަތަކީ އެކަންކަމަށް ދައުލަތަށް ފައިސާ ވަންނާނެ ގޮތަކަށް ވިޔަފާރިތަކާއި ވަޒީފާތައް ކުރިއެރުވުން،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒް އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓަކީ ލަފާކުރާ އެއްޗެއް ކަަމަށާއި އެއީ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބޭނުންކުރާ އާލާތެއް ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ބަޖެޓް ކުރި އިރު ކޮވިޑަކީ ކުރިން ހިތަށް ވެސް ގެނެވުނު ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ކުރިން ކުރި ކަންތައް ނުކުރެވިދާ ކަމަށެވެ.
"ބަޖެޓް ތެރޭގައި ބަޖެޓް ބޮޑު ވާހަކަ އާއި މިއީ ކާމިޔާބު ބަޖެޓެއް ނޫން ކަމާއި އަދި އޭގަ ހުރި ކަންތައްތައް ނުވާނެ ވާހަކަ ދައްކަވާފަ ގިނަ މެންބަރުން ނިންމަވައިލައްވަމުން ވިދާޅުވޭ ތިމަންނަމެންގެ ދާއިރާގައި މިވެނި ކަމެއް ނެތް ވާހަކަ. ސަރުކާރެއްގެ ހައިސިއްޔަތުން މިއަންނަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް. އެކަންކަން ކުރުމަށްޓަކައި ރެވެނިއު ލިބޭ ކަންތައް ހޯދާނެ. ދަތި އުދަނގޫ ހާލަތެއް މިއޮތީ،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް