އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައި ހިމަނާފައިވާ ޕީއެސްއައިޕީގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގައިގެން އެ ފައިސާ ވަންނަނީ ދިވެހި ވިޔަފާރިވެރިންގެ ޖީބަށްތޯ ނުވަތަ އެ ފައިސާ ދަނީ ކެރެލާއަށްތޯ އެއީ އުފެދޭ ސުވާލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި ރާއްޖޭގެ އިގްތިސޯދު އިނދަޖެހިފައިވާ މި ހާލަތުގައި ޕީއެސްއައިޕީގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިމަނާފައިވާ މައްސަލައަށް، ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އިގްތިސޯދީ ހާލާތު އޮތް ގޮތުން އަންނަ އަހަރަށް ހުށަހަޅާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ނުހިންގޭނެ ކަމަށެވެ.

"ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހިންގީމާ އެފައިސާ ވަންނަނީ ދިވެހި ވިޔަފާރީގެ ޖީބަށްތޯ އަޅުގަނޑަށް ސުވާލު އުފެދޭ، ނޫނީ އެ ފައިސާ ދަނީ ކެރެލާއަށްތޯ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކުރިއާލައި އެންމެން އެކީ މަޝްވަރާ ކުރިނަމަ އެ ހަރަދު ތަކަކީ ކުޑަ ކުރެވޭނެ ހަރަދުތަކެއް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ވެގެން ގޮސްފައި ނުވާކަން އީވާ ފާހަގަ ކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު ޕީއެސްއައިޕީއަށް 8.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓްގައި ވަނީ ހިމަނައިފައެވެ.