ހއ. ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވުން ލަސްކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވުން ލަސް ކޮށްފައިވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށެވެ.
މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު، ޝިމާޒް އަލީ ވިދާޅުވީ މި ވަގުތަށް މި ރަސްމިއްޔާތި ބޭއްވުމަށް ނިންމާފައިވަނީ މާދަމާއަށް ކަމަށެވެ. ނަމަވެސް މޫސުން ތަން ނުދޭ ނަމަ މާދަމާ ބޭއްވުމަށް ނިންމާފައިވާ ރަސްމިއްޔާތި ލަސް ކުރާނެ ކަމަށް ޝިމާޒް ވިދާޅުވިއެވެ.
މީގެ ކުރިން ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ތާވަލު ކުރީ އިއްޔެއަށެވެ. އަދި މި ރަސްމިއްޔާތު ފަސްކޮށްފައިވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ. އެގޮތުން މެޓް އޮފީހުން އިއްޔެ އެ ސަރަހައްދަށް ޔެލޯ އެލާޓް އަދި މިއަދު އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވެއެވެ.
ހޯރަފުށީ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި ހަދަން ނިންމި އެއާޕޯޓެކެވެ. ނަމަވެސް އެ އެއާޕޯޓް ހޯރަފުއްޓަށް ބަދަލުކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅާ އެއްގޮތަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަވާލުކުރީ 198 މިލިއަން ރުފިޔާއަށެވެ.
އެ ކުންފުނިން އެ މަސައްކަތް ކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހޯރަފުށީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށް ސެކިއުރިޓީ ބީޗް ފެންސެއް ވަނީ ޖަހައިފައެވެ. އަދި 1.2 ކިލޯ މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ހަދައިފައެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ކޮށްފައިވަނީ ފަޔާ ބިލްޑިންއަކާއި ޕަސެންޖާ ޓާމިނަލެއް ހެދުމެވެ. ޖުމްލަ 13.8 މިލިއަން ރުފިޔާއަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ މިމަހުގެ 11 އަށް ނިންމުމަށެވެ.
ހޯރަފުށީ އެއާޕޯޓު
ހޯރަފުށީ އެއާޕޯޓު
ހޯރަފުށީ އެއާޕޯޓު