ހއ. ހޯރަފުއްޓާއި ގދ. މާވަރުލު އެއާޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމަށް ނައިޓްލޭންޑިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރްއޭސީއެލް)އިން ބުނެފިއެވެ.

ރީޖަނަލް އެއާޕޯޓްސް އިން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުނިން ހިންގަމުން އަންނަ ހޯރަފުށީ އެއާޕޯޓާއި މާވަރުލު އެއާޕޯޓުގައި ނައިޓްލޭންޑިން ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެ މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި އެ ދެ އެއާޕޯޓުގައިވެސް ރޭގަނޑު ފްލައިޓް ޖެއްސަން ފެށޭނެ ކަމަށް އާރްއޭސީއެލް އިން ބުންޏެވެ.

އާރްއޭސީއެލް އިން ވަނީ އެކުންފުނިން ހިންގާ ކުޅުދުއްފުށި އެއާޕޯޓުގައި ނައިޓް ލޭންޑިން ސިސްޓަމް ގާއިމުކޮށް ރޭގަނޑުގެ ދަތުރުތައް ފެށުމުގެ ކުރިން ބާއްވަންޖެހޭ ޓެސްޓް ފްލައިޓް އިއްޔެ ބާއްވާފަ އެވެ.

އެއާއެކު އެ ކުންފުނިން ހިންގަމުން އަންނަ ހަ އެއާޕޯޓްގެ ތެރެއިން ހަތަރު އެއާޕޯޓަށް މިހާރު ރޭގަނޑު ދަތުރުތައް ކުރެވޭނެއެވެ. އެއީ ފަރެސްމާތޮޑާ އެއާޕޯޓު، ފުވައްމުލައް އެއާޕޯޓު، ކުޅުދުއްފުށި އެއާޕޯޓު އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.

އާރްއޭސީއެލް އިން ބުނީ އެ ކުންފުނިން ހިންގަމުންގެންދާ އެންމެހާއި އެއާޕޯޓުތައް ތަރައްގީކުރުމާއި ދަތުރުވެރިންނަށް ދެވޭ ހިދުމަތްތަށް އެއްދުވަހުން އަނެއްދުވަހަށް ފުޅާކުރުމަށް ކުންފުނީގެ ފަރާތުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.