ރިޕޯޓް

ރިސޯޓު މުވައްޒަފުން ނައިޓަށް ރަށަށް، ސާވިސް ޗާޖުގެ ހަމަހަމަކަން

3

ރާއްޖޭގެ އިގުތިސާދު ބިނާވެގެންވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. މި ކަމާ މެދު ދެބަސްވެވޭނެ ޖާގައެއް މިއަދަކު ނެތެވެ. އެހެންކަމުން ފަތުރުވެރިކަމަށް އަންނަ ކޮންމެ ލޮޅުމެއް ރާއްޖޭގެ އިގްތިސޯދަށް އާދެއެވެ. އެކަން އެންމެ ބޮޑަށް ފެނިގެން ދިޔައީވެސް އަޅުގަނޑުމެންނަށް ދިމާވެފައި މިއޮތް ކޮވިޑްގެ ހާލަތުގައެވެ.

އާއްމު ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން މަޝްހޫރުވެފައި ވަނީ، ދޮންވެލީގެ ރީތިގޮނޑުދޮށްތަކާއި ސާފު ފަޅުތަކާއި، ކަނޑުއަޑީގެ ރީތި މަންޒަރުތަކުގެ ސަބަބުންނެވެ. އެ ކަންތައް އެހެން އޮތް ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާ ދިއުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ބުރަ މަސައްކަތް ފާހަގަ ކޮށްލެވެއެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ޒަމާނުއްސުރެވެސް ރާއްޖޭގެ މަސައްކަތުގެ ދާއިރާގައި އެންމެ ބުރަކޮށް، އެންމެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާ މީހުންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ތަކުރާރުވެގެންދަނީ އަދި ރާއްޖޭގެ ރިސޯޓުތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކަމުގެ ވާހަކަ ފަތުރުވެރީން ދައްކަނީ އެ އިންޑަސްޓްރީގެ މުވައްޒަފުންގެ އިހުލާސްތެރި މެހުމާންދާރީގެ ސަބަބުންނެވެ.

ރިސޯޓު މުވައްޒިފުންނަކީ، އަނބިދަރިނާއި މައިންބަފައިންނާއި އާއިލާއާ ވަކިން ވަޒީފާ އަދާކުރަމުން އަންނަ ބައެކެވެ. އެހެންކަމާއެކުވެސް އެމީހުންނަށް ލިބެން ޖެހޭ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ލިބިފައެއް ނޯވެއެވެ.

ހަފްތާއަކު އޮފް ދުވަހެއް ލިބޭ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ރިސޯޓުގެ މަސަައްކަތް ބައްޓަންވެގެންދާ ގޮތަކުން އެ އޮފް ދުވަސްވެސް ގިނަ ފަހަރަށް އޮންނަނީ ނުލިބިއެވެ. ލިިބުނަސް އެ އޮފް ދުވަހު ހުންނާން ޖެހޭނީ ވަޒިފާ އަދާކުރާ ރިސޯޓުގަ އެވެ. އަނބިދަރީން ކައިރިޔަށް ނުވަތަ ރަށަށް ދެވޭނެ އިންތިޒާމު ނުވަތަ ފުރުސަތު އޮތީ މަދު މުވައްޒަފަކަށެވެ. އެހެން މުވައްޒަފުންނަށް އެ ފުރުސަތު ފަހިވެފައެއް ނޯވެއެވެ.

ހަފްތާގެ ބަންދު ދުވަސް ތަކާއި ސްކޫލް ޗުއްޓީތަކާއި އެކި އެކި މުނާސަބަތުތަކުގައި އާއިލާއާއެކު ވަގުތު ހޭދަކުރުން އެއީ ރިސޯޓު މުވައްޒިފުންނަށް އަމުދުން އޮތް ކަމެއް ނޫންނެވެ.

އެފަދަ ގޮތަކަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ކަންތައް ހަމަޖެހިފައި ވަނިކޮށް، ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިއްމު ބަޔަކީ އެމީހުންކަން ދެނެގަނެ، ރައީސް ސޯލިހިު ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް އެމީހުންގެ ހައްގުތައް ހޯއްދަވައިދެއްވުގެ ވައުދުފުޅާއެކުގަ އެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދެ އަހަރު ވޭތުވެގެންދާއިރު، ރިސޯޓުތަކުގެ މުވައްޒިފުންނަށް ވެ ވަޑައިގެންނެވި ވައުދު މިވަނީ ފުއްދަވައި ދެއްވައިފައެވެ.

އެ ވައުދުތައް ފުއްދެވީ އެކަންކަން ތަންފީޒުކުރުން ލާޒިމުވާ ގޮތަށް ގާނޫނުގައި ވެސް އެކަންތައްތައް ކަނޑައަޅުއްވައިގެންނެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި، ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގައި ރިސޯޓު މުވައްޒަފުންނަށް އެމީހުންގެ ހައްގުތައް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

އެގޮތުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމަށް ހުރަސް ނޭޅޭނެ ކަމަށާއި އެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅައި ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް "ނައިޓަށް" ދެވޭނެ ގޮތް ހަދައިދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދަވައި ދެއްވިއެވެ.

އެ ގާނޫނުގައި މިހާރު ކަނޑައަޅާފައި ވަނީ، "މުވައްޒަފަކު އޭނާ މަސައްކަތް ކުރަން ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ މަސައްކަތްކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއް ފަދަ ތަނެއްގައި ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރު ކޮށްގެން ނުވާނެ،" ކަމަށެވެ.

މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރަން ކަނޑައަޅާފައިވާ ގަޑި ނިމުމުން އޭނާ ވަޒީފާ އަދާ ކުރާތަން ދޫކޮށް ދިއުމާއި ވަޒީފާއަށް ނުކުންނަން ޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ވަޒީފާ ދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

"މަސައްކަތު ގަޑި ނިމުމުން މުވައްޒިފަކު، އޭނާ ވަޒީފާ އަދާކުރާތަން ދޫކޮށް ދިއުމަށް އަދި ވަޒީފާއަށް ނުކުންނަ ޖެހޭގަޑިއަށް އެތަނަށް އަނބުރާ އައުމަށް ފުރާ ދުއްވާ އުޅަނދެއް ބޭނުން ކުރަން ޖެހޭ ނަމަ އެ އުޅަނދަކަށް އެތަނަކަށް ކައިރި ކުރުމުގެ ހުއްދަ ވަޒީފާ ދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ދޭންވާނެ،" ކަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށްވެސް މަސައްކަތު ގަޑި ނިމުމުން އުޅަނދެއްގައި އެމީހަކު ބޭނުން ތަނަކަށް ދިއުމުގެ ފުރުސަތު ގާނޫނުން ވަނީ މިހާރު ވަނީ ފުރިހަމަ ގޮތުގައި ލިބިދީފައެވެ. ހަމަހަމަކަމާއެކު ސާވިސްޗާޖު ނުބަހާ މައްސަލައަކީވެސް މީގެ ކުރިން ރިސޯޓު މުވައްޒަފުންގެ ބޮޑު ޝަކުވާއެކެވެ. އެއީ ރިސޯޓުން އެމީހުންނަށް ލިބޭ އާމްދަނީގެ ބޮޑު ބަޔަކީ ސާވިސްޗާޖު ކަމަށް ވާތީއެވެ.

މިސަރުކާރުން ގާނޫނުގައި ކަނޑައަޅައި އެކަންވެސް ވަނީ މުވައްޒިފުންނަށް ކަށަވަރު ކޮށްދީފައެވެ.

އެގޮތުން މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސާވިސްޗާޖު ނުބަހާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގާނޫނުގައި ވަނީ ހިމަނައިފައެވެ. ފަތުރުވެރި ކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން، ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން، 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސްޗާޖު ނަގަންވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ. ސާވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަ ކަމާއެކު ބަހަން ޖެހޭނެ ކަމަށާއި، ސާވިސްޗާޖުގެ ގޮތުގައި ފާއިތުވި މަހު ލިބުނު ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދީ ނިންމުމަށްވެސް ގާނޫނުން ވަނީ ލާޒިމްކޮށްފަ އެވެ.

ސާވިސްޗާޖު ބެހުމުގައި އެތަނެއްގައި ފޯރުކޮށްދޭ، ހިދުމަތްތައް ދިނުމުގައި މަސައްކަތްކުރާ އެންމެހައި މުވައްޒިފުންގެ މެދުގައި ތަފާތު ކުރެވިގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ. ސާވިސްޗާޖުގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އިދާރީ ފީގެ ގޮތުގައި އެއް ޕަސެންޓް ނެގިދާނެ ކަމަށާއި އެއްވެސް ހާލެއްގައި އެއަށްވުރެ އިތުރު އަދަދެއް ނަގައިގެން ނުވާނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފައެވެ.

"ސާވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކު ލިބޭ އާމްދަނީ އާއި އެމަހަކު ސާވިސްޗާޖު ލިބުނު މުވައްޒަފުންގެ އަދަދާއި ކޮންމެ މުވައްޒަފަކަށް ހައްގުވާ މިންވަރާއި ސާވިސްޗާޖުގެ ގޮތުގައި ދިން ފައިސާގެ އަދަދުގެ މައުލޫމާތު ވަޒީފާދޭ ފަރާތުން ގަވާއިދުން ބަލަހައްޓަން ޖެހޭނެ ކަމަށާއި ކޮންމެ އަހަރަކު ދެ ފަހަރު ލޭބާ ރިލޭޝަންސް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކުރާ ތާރީހެއްގެ ކުރިން އެ މައުލޫމާތު އެ އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތީރިޓީއަށް ފޮނުވަން ވާނެ ކަމަށްވެސް" ގާނޫނުގައި ކަނޑައަޅާފައި ވެއެވެ.

އެއާ ހިލާފު ވެއްޖެ ފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ލިބިގެންވާ ކަމަށާއި، މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސާވިސްޗާޖު ބަހަމުން ނުދާނަމަ އެފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު ފިޔަވަޅު އެޅުމުގެ ބާރު ވެސް ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ލިބިގެންވާ ކަމަށް މި ގާނޫނުގައި ކަނޑައެޅާފައި ވެއެވެ.

އޮފަށް ނުވަަ ނައިޓަށް ރަށަށް ނުވަތަ އާއިލާ ގާތަށް ދެވުމާއި ސާވިސް ޗާޖު ގަވައިދުން ނުދިނުމުގެ މައްސަލައަކީ ރިސޯޓު މުވައްޒަފުންގެ އެންމެ ބޮޑު ދެ ޝަކުވާއެވެ. މި ދެ ޝަކުވާއަށް ހައްލެއް ލިބުމަކީ އެ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މިހާ ހިސާބުން އެ މުވައްޒަފުންގެ ދެން އޮތް އަނެއް ޝަކުވާއަކީ ޓޫރިޒަމްގެ ސީޒަނާއި ރާއްޖޭގެ ސްކޫލުތަކުގެ ބޮޑު ޗުއްޓީ ދިމާވާތީ، މުވައްޒަފުންނަށް ދަރީންނާއެކު ވަގުތު ހޭދަ ކުރުމަށް ނުވަތަ އާއިލާއަށް ވަގުތު ދޭން އުނދަގޫ ވުމެވެ. އެ ކަންބޮޑުވުމަށްވެސް ސަރުކާރުން މިހާރު ވަނީ ހައްލު ހޯދައިދީފައެވެ.

ރާއްޖޭގައި ސްކޫލް ބޮޑު ޗުއްޓީ ދިމާވަނީ، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ސީސަންތެރެއަށް ވުމުން، ސަރުކާރުން ވަނީ، ސްކޫލްތަކުގެ ބޮޑުޗުއްޓީގެ ދުވަސްވަރަށް ބަދަލު ގެނަސްފައެވެ.

މިއަހަރުގެ އެ ބަދަލާއެކު އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ސްކޫލުތައް ޗުއްޓީއަށް ބަންދުކުރަމުން އަންނަ، ނޮވެމްބަރު އަދި ޑިސެމްބަރު މަހަކީ ޓޫރިޒަމް ދާއިރާގެ އެންމެ ބާރު ބޮޑު ދުވަސްވަރަށްވާތީ، އެ ދާއިރާގައި މަސައްކަތްކުރާ ބެލެނިވެރިންނަށް އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ގިނަ ފަހަރަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން ކޮންމެ ކުއްޖަކު ވެސް އާއިލާ މެންބަރުންނާ އެކު ބޮޑު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ޗުއްޓީ މިހާރު ރާވާފައިވާ ގޮތަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

އެ ބަދަލުގެ ސަބަބުން، އަހަރީ ޗުއްޓީގެ ފުރަތަމަ ބައި މެއި 31، އިން ފެށިގެން ޖޫން، 11، އަށް އަދި ޗުއްޓީގެ ދެ ވަނަ ބައި ޑިސެމްބަރު ހަޔަކުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ ހަތަކަށް ވަނީ ހަމަޖައްސައިފައެވެ.