ރިޕޯޓް

ނަފުސާނީ ފަރުވާއަށް ހާއްސަ އިސްކަމެއް، އަތޮޅުތަކަށް ފުޅާކޮށް މޮބައިލް ޓީމުތަކުގެ ފަރުވާއާ ދިމާއަށް

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އެންމެ ގިނަވަމުން ދާ އެއް ބައްޔަކީ ނަފްސާނީ ބަލިތަކެވެ. އާއިލީގޮތުން ވާރުތަ ކުރުމާއި ދިރިއުޅުމުގެ އާދަތަކާއި ދިމާވާ ކަންތައްތަކުގެ ސަބަބުން ނަފްސާނީ އެކި ބަލިތައް ތަހައްމަލު ކުރަން ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ ބަލިތައް ތަހައްމަލު ކުރާ ޒުވާނުން ވެސް ގިނަ އެވެ. އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ އެކި އުމުރުގެ މީހުން ރާއްޖޭގައި ގިނަ އެވެ. ނަމަވެސް މީގެ ކުރިން އެންމެ އެކަށޭނަ ފަރުވާ އޮތީ ނުލިބި އެވެ. އެކަމަށް ހައްލެއް ހޯދައި ދިނުމަކީ މިސަރުކާރުގެ ވައުދަކަށް ވާއިރު މިވީ ދެ އަހަރު ތެރޭގައި އެ ދާއިރާއިން މިވަނީ ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ނަފްސާނީ ބަލިތަކަށް އޭގެ ކުރިން މަރުކަޒީ ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ފަރުވާ ދެމުން އައީ އާއްމު ބަލިތަކެކޭ އެއްގޮތަށެވެ. އެފަދަ ބަލިތަކަށް ޑޮކްޓަރަށް ދައްކަންދާ މީހުން ވެސް ތިބެން ޖެހެނީ އެހެން އާއްމު ބަލިތަކަށް ފަރުވާ ހޯދަން ދާ މީހުން ތިބޭ ހިސާބުގަ އެވެ. ނަފްސާނީ ބަލިތަކަށް ބޭހުގެ އިތުރުން ތެރަޕީތައް ބޭނުންވާއިރު މީގެ ކުރިން އެ ފަރުވާ އެ ހޮސްޕިޓަލަކުން ރަނގަޅަކަށް ނުލިބެ އެވެ. އަދި ނަފްސާނީ ބަލިތައް ދެނެގަތުމަށް ހަދަން ޖެހޭ ޓެސްޓް، ނުވަތަ އެސެސްމަންޓްތައް ކުރިން އެ ހޮސްޕިޓަލުން ނުހެދެ އެވެ.

ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗުގައި ފުރަތަމަ ފަހަރަށް މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ހުޅުވުމާއެކު އެ ފަރުވާތަކަށް ކުރިއަށްވުރެ ބޮޑު ކުރިއެރުމެއް މިވަނީ ލިބިފަ އެވެ. އެ މަރުކަޒުގައި، ނަފްސާނީ ބަލިތަކަށް ބޭސް ދޭ ޑޮކްޓަރުން ނުވަތަ ސައިކެއިޓްރިސްޓުންގެ ގޮތުގައި ފުލްޓައިމް ހަތަރު ބޭފުޅުން މަސައްކަތް ކުރައްވަ އެވެ. ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ތެރަޕިސްޓުންގެ ގޮތުގައި ވެސް ގިނަ ބޭފުޅުންތަކެއް އެ ސެންޓަރުގައި މަސައްކަތް ކުރައްވަ އެވެ. އެފަދަ ބަލިތައް ދެނެގަތުމަށް ހަދަން ޖެހޭ ބައެއް އެސެސްމަންޓްތައް ވެސް މިހާރު އެ ސެންޓަރުން ހެދެ އެވެ. އެ ހުރިހާ ހިދުމަތެއް އާސަންދައިގެ ދަށުން ހިލޭ ލިބެ އެވެ.

ޑޮކްޓަރުން ބަލި މީހުން ބައްލަވާ ކޮޓަރިތަކާއި ތެރަޕީ ދޭ ކޮޓަރިތައް ވެސް ހަދާފައި ވަނީ ޒަމާނީ ފެންވަރެއްގައި އަދި އެފަދަ ފަރުވާތައް ހޯދަން ދާ މީހުންނަށް ކޮންފަޓަބަލް ގޮތަކަށެވެ. އެ ސެންޓަރު ހެދުމުގެ ކުރިން ނަފްސާނީ ބަލިތަކަށް ވެސް ފަރުވާ ދެމުން އައީ އާއްމު ރޯގާ ޖެހިގެން ދާ މީހުންނަށް ވެސް ފަރުވާ ދޭ ފަދަ ކޮޓަރިތަކުގަ އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ހާއްސަ ކްލިނިކްތައް މާލޭގައި ހުރެ އެވެ. ނަމަވެސް އެސެސްމަންޓްތައް ހެދުމަށާއި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ތެރަޕީތަކަށް ބޮޑު އަގެއް އެތަންތަނުން ނަގަ އެވެ. އޭގެ ސަބަބުން ކިތަންމެ އުނދަގޫވި ނަމަވެސް އަދި ފަރުވާއަށް ކިތަންމެ ބޭނުންވި ނަމަވެސް ފަރުވާ ހޯދުމުގެ ފުރުސަތު އޮތީ ގިނަ ބަޔަކަށް ނުލިބި އެވެ. އައިޖީއެމްއެޗްގެ ސެންޓަރާއެކު ހިލޭ އެ ހިދުމަތްތައް ލިބިގެން ދިޔަ އެވެ.

އަތޮޅުތެރޭ ބައެއް ރީޖަނަލް ހޮސްޕިޓަލްތަލުގައި ވެސް ނަފްސާނީ ޑޮކްޓަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެންމެ އެކަށޭނަ ފަރުވާ ނުލިބުނު ނަމަވެސް ކުރިއަށްވުރެ ބޮޑަށް ބޭހުގެ ފަރުވާ މިވަނީ އަތޮޅުތެރެއިން ވެސް ލިބެން ފަށައިފަ އެވެ.

ކޮވިޑް-19އާއެކު ގޭގައި ތިބެން ޖެހުމާއި ހޮސްޕިޓަލްތަކަށް ދިއުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ފޯން މެދުވެރިކޮށް އައިޖީއެމްއެޗްގެ ސެންޓަރުން އަންނަނީ ފަރުވާ ދެމުންނެވެ. ޑޮކްޓަރުން ބަލި މީހާއަށް ގުޅައި ބަލި މީހާގެ ހާލަތު ދެނެގަނެ ބޭސް ލިޔެދެ އެވެ. ވައިބާ މެދުވެރިކޮށް ބޭސް ސިޓީ ބަލި މީހާއަށް ފޮނުވުމުން އޮންލައިންކޮށް އެސްޓީއޯގެ ބޭސް ފިހާރައިން ބޭހަށް އެދެވެ އެވެ.

ނަފްސާނީ ބަލިތައް ވަރަށް ބާރަށް ރާއްޖޭގައި އިތުރުވާން ފަށާފައިވާއިރު ހާއްސަކޮށް ކޮވިޑް-19އާއެކު ދިރިއުޅުމަށް ދިމާވި ދަތިތަކާއި އެކިއެކި ގޯނާތަކުގެ ސަބަބުން އެފަދަ ބަލިތަކަށް ފަރުވާ ހޯދަން ބޭނުންވާ މީހުންގެ އަދަދު މިވަނީ އިތުރުވެފަ އެވެ. އައިޖީއެމްއެޗްގައި ހުޅުވި ސެންޓަރާއެކު ކުރިއަށް ވުރެ ފަރުވާގެ ކަންކަން ރަނގަޅުވި ނަމަވެސް ޑިމާންޑާ ގާތަށް ވެސް ފަރުވާއެއް އަދި ނުދެވެ އެވެ.

މިވަގުތު ވެސް ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވާ ޑޮކްޓަރުންނަށް އެދި އައިޖީއެމްއެޗްގައި 700 އަށް ވުރެ ގިނަ މީހުންގެ ވެއިޓިން ލިސްޓެއް އެބަ އޮތެވެ. ބަލި މީހުން ބަލަން ތިބީ އެ ސެންޓަރުގައި ހަތަރު ޑޮކްޓަރުންނެވެ. އެހެންކަމުން ޑޮކްޓަރަށް ނުދެއްކި ގިނަ ދުވަސް ތަކެއް ވަންދެން ކިޔޫގައި ތިބެންޖެހެ އެވެ.

ޑޮކްޓަރަށް ދެއްކުނު ނަމަވެސް ޑޮކްޓަރުން ލިޔެދޭ ބޭސް ނުލިބުމަކީ ވެސް އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އޮތް ބޮޑު ގޮންޖެހުމެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯއިން ވެސް ނަފްސާނީ ބަލިތަކަށް ބޭނުންވާ މުހިންމު ބޭސްތައް ހުސްވެފައި ހުރުމަކީ ހަމަ އާންމު ކަމެކެވެ.

"އެންމެ ފަހުގެ ފޯން މި ރާއްޖެ ގެނެވޭ. އެންމެ އަގު ބޮޑު ވެހިކަލް ގެނެވޭ. އެކަމަކު އެންމެ މުހިންމު ބޭހެއް ނުލިބޭ. މިވާހަކަ ހެލްތު މިނިސްޓްރީގައި އެތައް ގޮތަކަށް ދައްކައިފިން. އަދިވެސް ހައްލެއް ނާދޭ. މުހިންމު ބޭސްތައް ހުސްވެފައި ހުރުމަކީ އަސްލު ރަނގަޅު ފަރުވާ ނުދެވޭ އެއް ސަބަބު،" ރާއްޖޭގައި މަސައްކަތް ކުރައްވާ ނަފްސާނީ ބައްޔަށް ފަރުވާ ދެއްވާ ޑޮކްޓަރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި އެވެ.

އެ ބަލިތަކެއްގެ ސަބަބުން ގައުމުގެ ކުރިއެރުމަށް ހުރަސް އެޅޭ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ނިޒާމު ކުރިއާ އަޅާބަލާއިރު މިހާރު މިވަނީ ރަނގަޅުވެފަ އެވެ. ނަމަވެސް އަދިވެސް ޑިމާންޑާ އެއްވަރަށް ފަރުވާއެއް ނުލިބެ އެވެ. ޑޮކްޓަރަށް ދެއްކުމަށް ދިގު ކިޔޫއެއްގައި ތިބެން ޖެހުމާއި ޑޮކްޓަރު ލިޔެދޭ ބޭސްތައް ނުލިބުން ފަދަ މައްސަލަތަކަށް އަވަސް ހައްލެއް ބޭނުންވެ އެވެ.

އެހެން ނަމަވެސް މީގެ ދެތިން އަހަރު ކުރިޔާ އަޅައި ބަލާއިރު، ލިބިފައިވާ ކުރިއެރުން ފާހަގަކުރާން ޖެހެ އެވެ. މި ދާއިރާ އިތުރަށް ތަރައްގީ ކުރާން ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ހިތްވަރުދޭން ޖެހެ އެވެ. ނަފުސާނީ ފަރުވާތައް މުޅިރާއްޖެއަށް ތަރައްގީވެ، ފުޅާކޮށް އެ ހިދުމަތް އަތޮޅުތަކުން ލިބި، މޮބައިލްކޮށްވެސް މި ފަރުވާ ލިބޭ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒު ހަގީގަތަކަށް ވުމަކީ އެންމެންގެވެސް އުއްމީދެވެ.