ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވަނީ ބަޖެޓް ދަރަނި ފޫބައްދަން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސުކޫކު ވިއްކުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، 300 މިލިއަން ޑޮލަރުގެ ބޮންޑެއް ގަތުމަށްޓަކައި ހެލްތު މިނިސްޓްރީގެ ރަޖިސްޓްރީގައި އޮތް ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރަން އުޅޭކަމުގެ ސިޓީއެއްގެ ކޮޕީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މިއީ އިތުރު ދަރަނިވެރިވުންތަކެއް މި އަންނަނީ. ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ތަރައްގީކޮށްފައި ހުރި ވަސީލަތްތައް ވިއްކައިގެން މިއަންނަ އަހަރުގެ ބަޖެޓް މެނޭޖްކުރަން ވިސްނާ ކަމަށްވާ ނަމަ މިއީ ގޯހެއް،" ފަޒުލް ވިދާޅުވި އެވެ.

މި ކަމާ ގުޅޭ ގޮތުން ވަން އިން ސުވާލު ދެންނެވުމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މި ކަމާ ގުޅޭ ތަފްސީލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.