ސިއްހީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުން ރޭގަނޑު އަދާކުރާ ޑިއުޓީއަށް ދެމުން އައި ޝިފްޓް އެލަވަންސް 100 ރުފިޔާއިން 60 ރުފިޔާއަށް ކުޑަކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އެގޮތުން، ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު ކުރާ މަސައްކަތްތަކަށް މީގެ ކުރިން ދެމުން އައި 100 ރުފިޔާގެ އެލަވަންސްވަނީ ދަށްކޮށްފައެވެ. ނަމަވެސް، ހެނދުނު 6 އިން ރޭގަނޑު 12 އަށް އަދާކުރާ ޑިއުޓީއަށް ކުރިއެކޭ އެއްގޮތަށް ދެމުން އަންނަނީ 40 ރުފިޔާއެވެ.

މި އުސޫލުގެ ދަށުން ޑޮކްޓަރުންނާއި ނަރުހުން އަދި ލެބޯޓްރީ ޓެކްނޮލޮޖިސްޓުންގެ އެލަވަންސަށްވެސް ބަދަލު އައިސްފައިވެއެވެ. އަދި ފާއިތުވި ސެޕްޓެމްބަރު މަހުގެ މުސާރަ ޖަމާކޮށްފައިވަނީ ރޭގަނޑު ޝިފްޓު އެލަވަންސް ކުޑަކުރުމަށް ފަހުއެވެ.

މި ނިންމުމާ ގުޅިގެން ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ރޭގަނޑު ވަގުތުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދު ނަމަވެސް، އެ ވަގުތުތަކުގައިވެސް ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު މަދުނުވާކަމަށް ބައެއް ޑޮކްޓަރުން ފާހަގަކުރެއެވެ. އަދި މުވައްޒަފުން މަދުވުމުގެ ސަބަބުން ބަންދު ދުވަސްތަކުގައިވެސް ޑިއުޓީއަށް ނުކުންނަން ޖެހޭކަމަށް މުވައްޒަފުން ބުނެއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މޭ 2023 ގައި ބޮޑުކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީން އާންމުކުރި ޕޭ ފްރޭމްވޯކްގެ ދަށުން ރޭގަނޑު މަސައްކަތްކުރާ ވަގުތަށް 100 ރުފިޔާގެ އެލަވަންސެއް ދޭން ކުރިން އޮތީ ހަމަޖައްސައިފައެވެ.