“ކުޅެ ފިސާރި ޖޯޝުގައި... ކުޅެ ފިސާރި ޖޯޝުގައި ދިވެހީން މޮޅު ވެއްޖެޔޯ.. މަރުހަބާ މަރުހަބާ،” މިއީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް އުފުލާލުމުން ހެދި ގައުމީ ޅެމެއްގެ ބައެކެވެ. އަނެއްކާވެސް މިފަދަ ކާމިޔާބެއް ހޯދުނު ކަހަލައެވެ.
އޭއެފްސީގެ ޕޮޕިއުލާރިޓީ ކޮންޓެސްޓެއް ކަމަށްވާ ބްރެކެޓް ޗެލެންޖުގައި އަލީ އަޝްފާގު (ދަގަނޑޭ)، ޖެހި ގޯލް ސެމީ ފައިނަލަށް ގެންދިޔުމަށް ދިވެހީން ދެއްކީ އެއްބައިވަންތަ، ގައުމީ ރޫހުގެ މަންޒަރެކެވެ.
ބްރެކެޓް ޗެލެންޖްގެ ކުއާޓާ ފައިނަލްގައި ދަގަނޑޭ އާއި ވާދަކުރީ އާބާދީ ބޮޑު ވިއެޓްނާމްގެ ކުޅުންތެރިޔެކެވެ. 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމަށް ނިސްބަތްވާ ގުއެން ވެންކުއާ އާ ދެކޮޅަށް ދަގަނޑޭ ވާދަކުރިއިރު، ފެވަރިޓަކީ ވެއިޓްނާމްގެ ކުޅުންތެރިޔާއެވެ.
އެހެންނަމަވެސް އެ ވޯޓުގައި ވިއެޓްނާމް ވާދަކުރީ ދިވެހީންގެ "ހީރޯ" އާ ދެކޮޅަށެވެ. ދަގަނޑޭ އަތުން ވޯޓެއް ބީވެގެން ދާކަށް ދިވެހީން މަޑަކުން ނުތިބޭނެކަން ދައްކާލީއެވެ. ހައިރާން ކުރުވަނިވި ވާދަވެރިކަމަކުން ދިވެހީން ކުރިހޯދީ 51.45 - 48.55 އިންސައްތައިންނެވެ.
ގުއެން ވެންކުއާ އާ ދެކޮޅަށް ދަގަނޑޭ ވާދަކުރި ވޯޓު ފެށިގެން ގިނަ އިރުތަކެއްވީއިރުވެސް ދަގަނޑޭ އޮތީ ބޮޑުތަނުން ފަހަތުގައެވެ. 10 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ ބޮޑު ފަރަގެއްގައި ހޮނިހިރު ދުވަހު ހަވީރާ ޖެހެންދެންވެސް ވޯޓުގެ ނަތީޖާ އޮތް އިރު، އެ މަންޒަރު ބަލަން ތިބެން ދިވެހީންނަށް ކެތެއް ނުވި އެވެ.
އެހިސާބުން އަޅަން ފެށި ވޯޓާއެކު ގާތްގަނޑަކަށް 12 ވަރަކަށް ގަޑިއިރު ތެރޭގައި ދިވެހީން އެ ނަތީޖާ އަނބުރާލިއެވެ. މިއަދު މެންދުރު 1:00 އާ ހަމައަށް ކައިރިކައިރިން ވޯޓު ދިޔައިރު، ރާއްޖޭގެ މީސްމީޑިއާ ޕޭޖުތަކުންނާއި، ހަބަރުތަކުން އަދި އާންމުން ދެއްކި ހިތްވަރު ފާހަގަވެގެން ދިޔައެވެ. ގައުމު އެކުވެގެން ދިޔައީ ދަގަނޑޭއަށެވެ.
ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓް ޖާޒީގައި ދަގަނޑޭ ޖެހި ހިތްގައިމު ސޯލޯ ގޯލެކެވެ. އިންޑޮނޭޝިއާގެ ޕެރްސިބޯ ކޮޅަށް ޖެހި ގޯލަކީ އޭއެފްސީގެ ތާރީހުގައިވެސް ޖަހާފައިވާ އެންމެ ހުނަރިވެރި އެއް ގޯލެވެ. ނިއުއިން އެ މެޗު 7-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، އެ ގޯލަށް މުޅި އޭޝިއާގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ އެތައް ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު