ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް އެލަވެންސްގެ ގޮތުގައި 125.8 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ކޮވިޑުގެ ސަބަބުން ކުރިމަތި ވި އިގުތިސޯދީ ކާރިސާއާ ގުޅިގެން ވަޒީފާ ގެއްލި ވަޒީފާގެ ހާލަތަށް އަސަރުކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސަޕޯޓް" ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް 10,994 މީހަކަށް 125.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑާ ގުޅިގެން އިގުތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ. އެގޮތުން އެ ޕެކޭޖުން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް 1.3 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމުގެ މުއްދަތު އަންނަ ޑިސެމްބަރު މަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއަށްވުރެ މުއްދަތު އިތުރުކުރަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް މިމަހާއި އަންނަ މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު އަދި ހުޅުވާލައިފައެއް ނުވެ އެވެ.