އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، އަނބުރާ ގެންގޮސް 26 ބިލިޔަން ރުފިޔާއަށް ކުޑަކޮށްގެން ގެނައުމަށް ގާނޫނު ހަދާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަަރު އަހުމަދު ސަލީމް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެށި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ، ރާއްޖޭގެ ތާރީހުގައިވެސް އަދި ދުނިޔޭގެ ތާރީހުގައިވެސް މިހާތަނަށް ފާސްކޮށްފައި ނުވާ ވަރުގެ ބަޖެޓެއް ކަމަށެވެ.
އިގްތިސޯދީގޮތުން މިފަދަ ދަނޑިވަޅެއްގައި މިފަދަ ބޮޑު ޑެފިސިޓަކަށް ދިއުމަކީ ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ސަލީމު ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ބަޖެޓްގައި ފައިސާ ހޯދުމަށް ބޮންޑާއި ސުކޫކުގެ ވާހަކަ އެކި ނަންނަމުގައި ލިޔެފައި އޮތް ނަމަވެސް އެއީ ދަރަނިކަން ރައްޔިތުންނަަށް އެނގެން ޖެހޭ ކަމަށެވެ. އަދި އެ ދަރަނިތައް ނަގަނީ ކުރިން ނަގާފައިވާ ލުއިލޯނުތަކަށްވުރެ ވެސް ބޮޑު އިންޓްރެސްޓެއްގައި ކަމަށް ވިދާޅުވިއެވެ. ބަޖެޓުގައި ހިމަނާފައިވާ ހިސާބުތަކަކީ ފައިސާގެ ހިސާބުތައް ދަންނަ ބާވަތުގެ ބަޔަކު ކުރާނެ ބާވަތުގެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު މިއޮތް އިގްތިސޯދީ ހާލަތަށް ރިއާޔަތް ކުރައްވައި ސަލީމް ވިދާޅުވީ ވިސްނުން ބަހައްޓަން ޖެހޭނީ އެވަގުތެއްގެ ހާލަތު ހުންނަ ގޮތެއްގެ މައްޗަށް ބިނާކޮށް ބަޖެޓު ތައްޔާރު ކުރުމަށް ކަމަށެވެ. އެގޮތުން މިހާރު ވިސްނަން ޖެހޭނީ އަންނަ އަހަރު ދިމާވެދާނެ ކަމަކަށް ބަލައިގެން ބަޖެޓް ތައްޔާރު ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ސަލީމު ވިދާޅުވީ، މިހާރު އޮތް ބަޖެޓް ފާސްކޮށްފިނަމަ، ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ޑޮލަރުގެ އަދު 20 ނުވަތަ 25 ރުފިޔާއަށް އަރާނެ ކަމަށެވެ. އެހެންކަަމުން ރައްޔިތުން އިންތިހާއަށް ނިކަމެތި ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ސަލީމު ވިދާޅުވީ، ބަޖެޓު އަނބުރާ ގެންގޮސް، 26 ބިލިޔަނަށް ބަޖެޓު ކުޑަކޮށްގެން ހުށަހެޅުމަށްފަހު އަންނަ އަހަރުގެ މެދުތެރެއިން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާ ގޮތަށް ކަންތައްތައް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ގޮވާލައްވާ ކަމަށެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު