ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްގީ ކުރި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.
މިއަދު ހެނދުނު 9:10 ހާއިރު ހޯރަފުށީ އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖެއްސި އިރު، ޓްރާންސްޕޯޓު މިނިސްޓްރީގެ އިސް ބޭފުޅުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް ބޭފުޅުންގެ އިތުރުން މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ބައެއް އޮފިޝަލުން އެ ފުލައިޓުން ވަޑައިގެންނެވިއެވެ.
ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖެއްސި އިރު، އެ މަންޒަރު ބެލުމަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހޯރަފުށީ އެއާޕޯޓުގެ ސަރަހައްދަށް އެއްވެފައެވެ. މި ރަސްމިއްޔާތުގައި، ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ރަށު ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި ހަދަން ނިންމި އެއާޕޯޓެކެވެ. ނަމަވެސް އެ އެއާޕޯޓް ހޯރަފުށްޓަށް ބަދަލު ކުރުމަށް ރައީސް އިބްރާހިމް ސޯލިހު ވެވަޑައިގެން ރިޔާސީ ވައުދުފުޅާ އެއްގޮތަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ.
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީން ކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހޯރަފުށީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކޮށް ސެކިއުރިޓީ ބީޗް ފެންސެއް ވަނީ ޖަހައިފަ އެވެ. އަދި 1.2 ކިލޯ މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ހަދައިފަ އެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ކޮށްފައިވަނީ ފަޔާ ބިލްޑިންއަކާއި ޕަސެންޖާ ޓާމިނަލެއް ހެދުމެވެ. ޖުމްލަ 13.8 މިލިއަން ރުފިޔާއަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެއީ މިމަހުގެ 11 އަށް ނިންމާ ގޮތަށެވެ.
އެމްޓީސީސީން ކުރިއަށް ގެންދިޔަ ހޯރަފުށީ އެއާޕޯޓުގެ މި މަޝްރޫއަކީ 198 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާދަމާގެ ވަގުތެއްގައި ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފައެވެ.
ހޯރަފުށީ އެއާޕޯޓު
ހޯރަފުށީ އެއާޕޯޓު
ހޯރަފުށީ އެއާޕޯޓު