ޚަބަރު

އަޅުުގަނޑުމެން ދިން ލަފާ އަޑުއެހިނަމަ 2021ގެ ބަޖެޓް ތައްޔާރު ކުރާނީ މިހާރު އޮތް ގޮތަކަށް ނޫން: ގަވަރުނަރު

އިބްރާހިމް ޒަކީ

ދައުލަތުގެ ބަޖެޓް އެކުލަވާލުމަށް އެމްއެމްއޭ އިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ދިން ލަފާ އަޑުއެހިނަމަ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރާނީ މިހާރު އެ ބަޖެޓް ހުށަހަޅާފައިވާ ގޮތަށް ނޫން ކަމަށް އެމްއެމްއޭގެ ގަވަރުނަރު، އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ބަޖެޓް އެކުލަވާލުމުގައި އެމްއެމްއޭގެ ލަފާ ފިނޭންސް މިނިިސްޓަރު ކިހާވަރަކަށް އަޑުއެއްސެވިތޯ، ކުޑަކުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ސުވާލު ކުރެއްވުމުން ގަވަރުނަރު ވިދާޅުވީ، އެމްއެމްއޭ އިން ސިނާރިއޯތަކެއް ދިން ނަމަވެސް ބަޖެޓް ހަދަނީ އެމްއެމްއޭ އިން ދޭ ހުރިހާ ލަފަޔަކާއެކުގައި ނޫން ކަމަށެވެ.

"އަޅުގަނޑުމެންނާ އެކީގައި ޕްރޮސެސް ކުރިއަށް ގެންދަނީ. އަޅުގަނޑުމެން ސިނާރިއޯތަކެއް ދެން. ނަމަވެސް މުޅި ބަޖެޓް ތައްޔާރު ކުރަނީ އަޅުގަނޑުމެންގެ ޓޯޓަލް ލަފާ އަހައިގެނެއް ނޫން. އެކަމަކު އަޅުގަނޑުމެން ދޭ ކްރައިޓީރިއާތަކެއް އޮންނާނެ، ބައެއް ކްރައިޓިރިއާ ފޮލޯކޮށް އަނެއް ބައި ކްރައިޓީރިއާ ނުކޮށް އޮންނަނީ، މިއަކީ އަޅުގަނޑުމެންގެ ލަފާގެ ހުރިހާ އެއްޗެއް އަޑުއަހާނަމަ މިގޮތަަކަށް ނޫން ބަޖެޓް ތައްްޔާރު ކުރާނީކީ،" ގަވަރުނަރު ވިދާޅުވި އެވެ.

ހާޝިމް އިތުރަށް ވިދާޅުވީ، ކޮވިޑުގެ ހާލަތާ ގުޅިގެން މުޅި ދުނިޔެއާއެކު ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، ސަރުކާރު މެދުވެރިވެގެން ވީހާވެސް ބޮޑަކަށް އިގުތިސޯދީ ހަރަކާތްތައް އިތުރު ކުރަންޖެހޭ ކަމަށް ބޭރުގެ މާލީ އިދާރާތަކާ ހަވާލާދީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ ވެސް އެ ލަފާގެ އެއްބައި އަޑު އައްސަވައިގެން ކަމަށެވެ.

"ފިނޭންސް މިނިސްޓަރު އެއްސެވީ އެއްބައި ކަންނޭނގެ އެ ލަފާގެ، ލަފާގައި ބުނަނީ މިހާރު އޮތް ހާލަތުގައި މިހާރު ހުރި ޕޮލިސީސްތައް ކުއްލިއަކަށް ހުއްޓާނުލާށޭ، ހުއްޓާލައިފިއްޔާ އެ އަންނަ ޝޮކު މާބޮޑުވާނޭ އިކޮނޮމީ ތެރޭގައި،" ގަވަރުނަރު ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ގަވަރުނަރު ވަނީ ބަޖެޓުން ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފަ އެވެ. އެގޮތުން ބަޖެޓުގައި އަންނަ އަހަރު ހިންގަން ކަނޑަައަޅާފައިވާ މަޝްރޫއުތަކަކީ، ރާއްޖޭގައި މިހާރު މިއޮތް އިގްތިސާދީ ހާލަތާ ނުބައްދަލު މަޝްރޫއުތަކެއް ކަމަށް ވިދާޅުވި އެވެ. އަދި ބަޖެޓް ކަނޑައަޅާފައިވާ މަޝްރޫއުތަކަށް ފައިސާ ނަގަން ރާވާފައިވަނީ ދަރަނީގެ ގޮތުގައި ކަމުން، ކޮންސެޝަނަލް ފައިނޭންސިން އަށް އިސްކަން ދިނުމަށް ލަފާދެއްވި އެވެ.