މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ގަނެ ވިއްކުމަށް ކަނޑައަޅާ އަގު ނޫން އަގެއްގައި، ޑޮލަރު ގަނެ ވިއްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެމްއެމްއޭގެ ގާނޫނަށް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ކަމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު (ޑީޖީ) އަހުމަދު އިމާދު ވިދާޅުވެއްޖެއެވެ.
ޑީޖީ މިހެން ވިދާޅުވީ، އަންނަ އަހަރަސް ލަފާކޮށް، ފިނޭންސް މިިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ބައެއް މެންބަރުން އެމްއެމްއޭއަށް އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ބަޖެޓް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، އެމްއެމްއޭ އިން ކަނޑައަޅާ އަގު ނޫން އަގެއްގައި ރިސޯޓްތަކުންނާއި ބޭންކު ތަކުން އަދި އެހެން ފަރާތްތަކުން ވެސް ޑޮލަރު ގަނެ ވިއްކުމަކީ މަނާކަމެއް ކަމަށް މަނިޓަރީ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އަދި އެކަންކަން ހުއްޓުވައި އެފަދަ ކަންކަންކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ، އެމްއެމްއޭގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް އެ ގަވާއިދާ ހިލާފަށް މިހާރު ވެސް ޑޮލަރު ވިއްކަމުން އަންނައިރު، އެކަން ހުއްޓުވުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުންނަށް އަންގާފައިވޭތޯ މެމްބަރު ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޑީޖީ އިމާދު ވިދާޅުވީ، އެކަންތައް ތަންފީޒުކުރުމަަށް އިތުރު ގާނުނީ ބާރު ހޯދުމަށް އެމްއެމްއޭގެ ގާނޫނަށް އިސްލާހީ ބަދަލުތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެކަމަށް އެދެވޭނެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
އެމްއެމްއޭއިން ކަނޑައަޅާ އަގު ނޫން އަގެއްގައި ޑޮލަރު ގަނެ ވިއްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި އެއީ މަނާކަމެއް ކަމަށް ބުނެފައިވަނީ 1987 ވަނަ އަހަރު ހަދާފައިވާ މަނިޓަރީ ގަވާއިދުގަ އެވެ. އެ ގަވާއިދުގައިވާ ގޮތުން އެމްއެމްއޭ އިން ލައިސަންސް ލިބިގެން ޑޮލަރު ގަނެ ވިއްކާ ފަރާތްތައް ފިޔަވައި، އެހެއް އެއްވެސް ފަރާތަކަށް ޑޮލަރު ގަނެ ވިއްކުމުގައި އިތުރު ކޮމިޝަނެއް ލުމަކީ މަނާ ކަމެކެވެ.