ޗެލްސީގެ އެންގޯލޯ ކަންޓޭ ޖެހި ގޯލާއެކު އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް ބުރަށް ދަތުރު ކޮށްފިއެވެ.
ރޭގެ މެޗު ފްރާންސުން 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، މެޗުގައި ކަންޓޭ ޖެހި ގޯލް އޭނާ ޖެހީ ދެވަނަ ހާފްގެ ކުރީކޮޅުގައެވެ. މިދިޔަ ހަފްތާަގއި ކުޅުނު އެކުވެރި ކަމުގެ މެޗުގައި ބެންޗުން ކުޅެން ނުކުތް ކަންޓޭ ރޭގެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިފައި ވެއެވެ.
ރޭގެ ނަތީޖާއާއެކު ފްރާންސަށް ގްރޫޕް އޭ 3ގެ އެއްވަނަ ވަނީ ޔަގީންވެފައެވެ. ނޭޝަންސް ލީގުގެ ފައިނަލް ބުރަށް ދަތުރުކުރާނީ ގްރޫޕްތަކުގެ އެއްވަނަ ޓީމު އެކަންޏެވެ. ރޭ ގްރޫޕް އޭ 3ގައި ސްވިޑެން އާއި ކްރޮއޭޝިއާ ވާދަކޮށް، 2-1ގެ ނަތީޖާއަކުން ސްވިޑެން މޮޅުވިއިރު، ސްވިޑެން އަށް ވަނީ ކުޑަކުޑަ އުންމީދެއް ލިބިފައެވެ. އެންމެ ފުލުގައި އޮންނަ ޓީމު ރެލިގޭޓްވާއިރު، ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށްވެސް އަދި އެއް މެޗު އެބައޮތެވެ.
މެޗުގެ ކުރީކޮޅުގައި މެންޗެސްޓާ ޔުނައިޓެޑްގެ އެންތަނީ މާޝިއަލްގެ ހަމަލާ ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، ދެވަނަ ހާފްގައި ޕޯޗުގަލްގެ ޑިފެންޑަރު ޖޯސޭ ފޮންޓްގެ ހަމަލާވެސް ވަނީ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ.
ރޭގެ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ނުރައްކާތެރިކަން ފެނިފައިވީ ނަމަވެސް، އޭނާގެ ފަރާތުން ގޯލެއް ފެނިފައެއް ނުވެއެވެ. މިދިޔަ ހަފްތާގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ގޯލް ޖަހައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑާ ހަމަކުރުމަށް ރޮނާލްޑޯއަށް މިހާރު ބޭނުން ވަނީ އެންމެ ހަތް ގޯލެވެ. އީރާންގެ އަލީ ދާއީގެ ރެކޯޑު މުގުރާލަން ރޮނާލްޑޯ ކުރަމުން އަންނަ މަސައްކަތަށް ރޭ މެޗުގައި ގޯލެއް އިތުރު ނުވި ނަމަވެސް، އޭނާގެ ހަމަލާއެއް ގޯލްގެ ދަނޑިއަށްވެސް އަމާޒުވިއެވެ.
މެޗުގެ ބޮޑު ބައެއްގައި ޕޯޗުގަލްއިން ރަނގަޅަށް ކުޅުނު ނަމަވެސް ފްރާންސްގެ ފަރާތުން ފެނުނީ އެޓޭކިން ވަރުގަދަ ކޮށެވެ. ކިންގްސްލީ ކޯމާން އާއި މާޝިއަލްގެ ނުރައްކާ ދެވަނަ ހާފްގައިވެސް ފެނުނުއިރު، ރޭގެ މެޗުގައި ކަންޓޭ ޖެހި ގޯލަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ދެވަނަ ގޯލެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު