ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނައި ބޮޑު ބަދަލާއެކު 2008 ވަނަ އަހަރު ގާނޫނުއަސާސީ އިސްލާހު ކުރިއިރު އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ހިމަނާފައި ވަނީ ގާނޫނުއަަސާސީގެ އަށްވަނަ ބާބުގައި ކަނޑައަޅާފައިވާ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމެވެ.
އެއީ ޒަމާނުއްސުރެ މާލެއަށް މަރުކަޒުކޮށް ޖަމާ ކޮށްފައިވާ ބާރުތައް ލާމަރުކަޒު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކަނޑައަޅާފައިވާ ބާބެވެ.
ގާނޫނުއަސާސީގައި އެގޮތަށް ކަނޑައެޅުމާ ގުޅިގެން އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމަށް އާ ގާނޫނެއް ވުޖޫދުކޮށް އެ ގާނޫނުގެ ދަށުން ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. މާލޭގައި އޮންނަ މައި ސަރުކާރުން އައްޔަންކުރަމުން އައި އަތޮޅުވެރީންނާއި ކަތީބުންގެ ބަދަލުގައި ރައްޔިތުން އިންތިހާބު ކުރާ ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ސިޓީކައުންސިލްތަކާއި އަތޮޅުކައުންސިލް ތަކާއި ރަށު ކައުންސިލްތައް އުފެދިގެން ދިޔައެވެ.
މި ބަދަލާއެކު ވެސް ގާނޫނުތަކުގައި އެއީ ރައްޔިތުންނަށް ބާރުދޭ ލާމަރުކަޒީ ނިޒާމް ކަމަށް ކަނޑާފައި އޮތުން ފިޔަވައި މާކަ ބޮޑު މަންފާއެއް ރައްޔިތުންނަކަށް ނުކުރި އެވެ. ހުރިހާ ކަމެއްގައި ވެސް ކައުންސިލްތަކަށް ޖެހުނީ މައި ސަރުކާރަށް ބަރޯސާ ވާށެވެ. އެހެންކަމުން ގާނޫނުއަސާސީ އާއި ގާނޫނުން ލިބޭނެ ކަމަށް އުއްމީދުކުރި ފޮނިމީރުކަން އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްތަކަށް ލިބޭނެ ގޮތެއް ނުވިއެވެ.
ސަބަބަކަށް ވީ ރަށްރަށުގައި ތިބި ތައުލީމީ ޒުވާނުން އެ މަގާމުތަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ނެތުމެވެ. ނިޒާމުގެ ބާރުވެރިކަމާ އެކު ކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެމީހުންނަށް ނެތީއެވެ. އެހެންކަމުން ނަމެއްގައި ލާމަރުކަޒުވިޔަސް ކަމުގައި ކައުންސިލްތައް ހިނގަމުން އައީ މޮހޮނަށް ދީފައި އޮތް އޮޑިއެއް ހެނެވެ.
އެއްވެސް ސަރުކާރަކުން، ކައުންސިލްތަކަށް ދޭން ޖެހޭ ފުރިހަމަ ބާރުވެރިކަމެއް ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި ކަންކުރަމުން އައި ގޮތަކީ ކައުންސިލްތަކަށް ލިބެން ޖެހޭ ބާރުތައް އެކި ގޮތްގޮތުން މާލެއަށް މަރުކަޒު ކުރުމެވެ. ހާއްސަކޮށް، ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި އެކަން އިތުރުވެގެން ދިޔައެވެ. ކައުންސިލްތައް އެއީ ބޭކާރުތަނެކޭ ހީވާ މިންވަރަށް ވެސް ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަތެވެ.
އެގޮތުން ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި ކައުންސިލުން ދޭ ހިދުމަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީންގެ ސަރުކާރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި ބަދަލު ފާހަގަ ކޮށްލެވެއެވެ.
ނަމަވެސް ވޭތުވެދިޔަ ނުވަ އަހަރަށްފަހު މިހާރު މިއޮތް، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން އަނެއްކާވެސް މި ވަނީ ދީފަ އެވެ.
ސަރުކާރަށް އޮތް، ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީގެ ބޭނުން ކުރައްވައިގެން، ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ހޯދައިދީފައެވެ.
އެބާރުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ބަދަލަކީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށް ގެނައި ބަދަލެވެ. އެގޮތުން ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޑޮމެސްޓިކް ބަޖެޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން އެ ރަށެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ ސީދާ 40 ޕަސެންޓް ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ އެއްްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ.
ރަށްރަށުގައި ހިންގާ ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިދިނުމާއި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ބާރު ކައުންސިލްތަކަށް ގާނޫނުން ވަނީ ދީފައެވެ.
މީގެ އިތުރުން ފާހަގަ ކޮށްލެވޭ އަނެއްކަމަަކީ ކައުންސިލުތަކުގެ ސަރަހައްދުގެ އިހުތިސާސް ގާނޫނުން ކަނޑައަޅައި އެ އިހުތިސާސްގައިވާ ގުދުރަތީ އަދި އުމުރާނީ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދިއުމެވެ.
ކައުންސިލުން އެކަށައަޅާ ތަރައްގީގެ ޕްލޭންގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ މަޝްރޫއަކަށް ނުވަތަ މަޝްރޫއުތަކަކަށް ރާއްޖެއިން ބޭރުގެ ބޭންކެއް ނުވަތަ މާލީ އިދާރާއަކުން ލޯނު ނެގުމުގެ ބާރުވެސް ގާނޫނުން ވަނީ ކައުންސިްލތަކަށް ދީފައެވެ. ރަށުގެ ތަރައްގީގެ ޕްލޭންގައިވާ މަގުސަދެއް ހާލުކުރުމަށްޓަކައި އަމިއްލަ ފަރާތަކާއެކު ކައުންސިލަށް ވިޔަފާރިއެއްގައި ބައިވެރިވެ، ކުންފުންޏެއް އުފެއްދިދާނެ ކަމަށްވެސް ގާނޫނުގައި ބުުނެފައި ވެއެވެ.
މިހާތަނަށް އައިއިރު ކައުންސިލްތަކުގެ ދައުރު، ތިން އަހަރު ދުވަސް ކަމަށް އޮތުމުން ކައުންސިލްތަކަށް ރަނގަޅު ނަތީޖާއެއް ނެރުމަށް އޮތީ ވަރަށް ބޮޑު ދަތިކަމަކަށް ވެފަައެވެ. ނަމަވެސް ގާނޫނަށް ގެނައި ބަދަލާއެކު ކައުންސިލްތަކުގެ އުމުރު ވެސް ތިން އަހަރުން ފަސް އަހަރަށް ވަނީ ބަދަލު ކޮށްފައެވެ.
މީގެ އިތުރުން ކައުންސިލަރުން މަގާމުން ވަކި ނުކުރެވޭ ގޮތަށް ވެސް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށްވެސް އެންމެ ބޮޑު ވަރަކަށް ކުރެވޭނެ ކަމަކީ ކައުންސިލަރަކު ތިން މަހަށް ސަސްޕެންޑް ކުރުމެވެ. އެ ނޫން ފިޔަވަޅެއް ނޭޅޭނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.
މި ސަރުކާރަކީ އަންހެނުން ބާރުވެރިކުރުމަށް ހާއްސަ އަހައްމިއްޔަތެއް ދިން ސަރުކާރެކެވެ. އެގޮތުން، ލާމަރުކަޒީ ގާނޫނުންވެސް އެފަދަ ބާރުތަކެއް ވަނީ ކަނބަލުންނަށް ކަށަވަރުކޮށްދީފައެވެ.
ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ދިނުމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ. އޭގެ އިތުރުން އަންހެނުންގެ ކޮމެޓީތައް އުފައްދައި އެފަރާތްތަކަށް އުޖޫރަ ލިބޭ ގޮތަށް އެފަރާތްތަކުގެ ހިދުމަތް ހޯދައި އަންހެނުން ބާރުވެރިކޮށް އެއީ ޒިންމާ އަދާކުރާ ބަޔަކަށް ހެދުމަށްވެސް ގާނޫނުގައި ކަނޑައަޅާފައި ވެއެވެ.
ގާނޫނުން ކަނޑައަޅާފައިވާ މި ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނީ އަންނަ މާޗު މަހު ބާއްވާ ކައުންސިލް އިންތިހާބުން ހޮވޭ ކައުންސިލަރުންނަށެވެ.
އެއީ މިހާރު މިއޮތް ކައުންސިލް ތަކަކީ، ކޮވިޑް 19 އާ ގުޅިގެން ކައުންސިލް އިންތިހާބު ނުބޭއްވި ލަސްކުރަން ޖެހުމުން، މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ހަމަވެ ގާނޫނީ ހުސްކަމަކަށް ދިޔަ ނުދިނުމަށްޓަކައި، ކުރިއަށް އޮތް ކައުންސިލް އިންތިހާބު ބާއްވައި މަގާމުތަކަށް ބޭފުޅުން އިންތިހާބުވަންދެން ދެމިއޮންނަ ގޮތަށް ސަންސެޓް ގާނޫނަކުން މުއްދަތު ދަންމާލާފައިވާ ކައުންސިލް ތަކަކަށްވާތީ އެވެ.
ލާމަރުކަރު ކުރުމަކީ ބުނާ ބަހަކުން ވާނޭ ކަމެއް ނޫން ކަމާއި އެކަމަށް ބޭނުންވަނީ ހެޔޮ ނިޔަތް އޮތުންކަން މި ސަރުކާރުން އަންނަނީ ސާބިތުކޮށްދެމުންނެވެ. ހަގީގީ މާނައިގައި ލާމަރުކަޒުކޮށް އެކަމާ ގުޅުންހުރި ކަންކަން ހުރިހާ ގޮތަކުންވެސް ތަންފީޒުކުރާތަން އަންނަނީ ފެންނަމުނެވެ.
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމް
ލާމަރުކަޒީ ނިޒާމް