ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހއ. އުތީމު ކައުންސިލްގެ ރައީސް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކޮށްފި އެވެ.
އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދަށް އެލްޖީއޭ އިން މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، އޭނާއާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި އެކަންކަން ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ތަހުގީގީ މަރުހަލާގައި އަބްދުﷲ ރަޝީދު އުތީމު ކައުންސިލުގެ ރައީސް ކަމުން ސަސްޕެންޑް ކުރުމަށް ބޯޑުން ނިންމާފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
އެލްޖީއޭއިން ބުނިގޮތުގައި އަބްދުﷲ ރަޝީދާ ގުޅޭ 11 މައްސަލައެއް އެ އޮތޯރިޓީ އަށް ހުށަހަޅާފައިވެ އެވެ. އަދި އެ މައްސަލަތަކާ ގުޅޭގޮތުން ޖަވާބުދާރީ ވުމަށް ވުމަށް މި މަހު 24 ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް ފުރުސަތު އޮންނާނެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
- - ކޭބަލް ޓީވީ ހިދުމަތް ދިނުމާގުޅޭ މައުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖަހާފައިވީ ނަމަވެސް 10 އަހަރަށް އެގްރިމަންޓް ކޮށްފައިވުން
- - ޖެނުއަރީ 2020 އިން ފެށިގެން އޮކްޓޯބަރު 2020ގެ ނިޔަލަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ފަރާތުން ކުލީގެ ގޮތުގައި ދައްކަންޖެހޭ އެއްވެސް ފައިސާއެއް ދައްކާފައިނުވާތީ އެކަމާ ގުޅޭގޮތުން ކޮންޓްރެކްޓަރަށް ރަސްމީކޮށް ސިޓީއަކުން އަންގާފައިނުވުން
- - ކޭބަލް ޓީވީ ހިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑިކޯޑަރު ގަތުމަށް ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައިވުން
- - ރަށުތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުސޫލުން ހަތަރު މީހުން ނެގުމުގައި އެކަމަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރުމެއްނެތި މީހުން ނަގާފައިވުން
- - މަސައްކަތު މީހެއްގެ ގޮތުގައި ނަގާފައިވާ ފަރާތެއް ވަޒީފާއިން ވަކިވުމާއި ގުޅިގެން އެ މަގާމަށް މީހަކު ނެގުމަށް އިއުލާން ކުރުމަށްފަހު ކައުންސިލުގެ ރައީސް ބޭނުންވާ ފަރާތެއް ވަޒީފާއަށް ނަގާފައިވުން
- - ކައުންސިލަށް ހޯދާ ތަކެތި ގަތުމަށް ބިޒްޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށް ގިނަ އަދަދެއްގެ އެތަކެތި އެކި ފަހަރުމަތިން ހޯދާފައިވުމާއި އިތުރަށް ހޯދަން ޖެހޭ ދެ ކޯޓޭޝަން ވެސް އެ ކުންފުނިން ހޯދާފައިވުން
- - ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުން ނެގުން
- - ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މާލިއްޔަތު ގަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަކޮށްފައި ނުވުން
- - ކައުންސިލަށް ލިބޭ ފައިސާގެ އެހީ ގަވާއިދުން ރިކޯޑެއް ކުރެވިފައިނުވުން
- - ކައުންސިލް އޮފީސް ގޯތީގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ހުރުން
ޚަބަރު
ޚަބަރު
ޚަބަރު