މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިފަހުން އައިންތުގެ ޓެކްސީގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުން ދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާގެ ޓެކްސީއަށް ގެއްލުންދީފައި ވަނީ މާލޭގެ އިއްޒުންދީން މަގުގައި ހުންނަ ތޮއްޔިބު މިސްކިތް ކައިރީގައި ޕާކުކޮށްފައި އޮއްވަ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މި މަހުގެ ފަސް ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ ޖެހީ ފަސް ދުވަސް ކަމަށާއި އަދި އެ މުއްދަތު ހަމަވުމުން މިދިޔަ ބުރާސްފަތި ދުވަހު އަނެއްކާ ވެސް އިތުރު ފަސް ދުވަސް ބަންދަށް ޖަހާފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ވަނީ އިތުރު މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އިއްޔެ ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެއް ކަމަަށާއި އޭނާގެ ބަންދަށް ވެސް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.
އައިންތު ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ. މިއީ އައިންތުގެ ކާރަށް ގެއްލުން ދިން ފަސް ވަނަ ފަހަރެވެ. އައިންތުގެ ކާރަށް އެންމެ ފަހުން ލިބުނު ގެއްލުންތައް މަރާމާތުކޮށްދިނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
އައިންތުގެ ކާރަށް ތަކުރާރުކޮށް ގެއްލުން ދެމުންދާތީ، އެ މައްސަލަ ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު