ޚަބަރު

މެލޭޝިއާއަށް ދިއުމުގެ ކުރިން ކޮވިޑް ޓެސްޓަށާއި ކަރަންޓީނަށް ދައްކަންޖެހޭ ފީ ދައްކަން އަންގައިފި

މެލޭޝިއާ އަށް ދަތުރު ކުރުމުގައި ކޮވިޑް-19 އަށް ޓެސްޓު ހެދުމަށާއި ކަރަންޓީނަށް ދައްކަންޖެހޭ ފައިސާ އެ ގައުމަށް ދިއުމުގެ ކުރިން ދައްކަން ޖެހޭނެ ކަމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިި އެވެ.

މެލޭޝިއާ އަށް ދާ އެހެން ގައުމުތަކުގެ މީހުން ކޮވިޑަށް ޓެސްޓު ކުރުމާއި ކަރަންޓީނުގައި 14 ދުވަހު މަޑުކުރަން ޖެހޭއިރު، އެކަމަށް ފައިސާ ދައްކަން ޖެހޭނީ އެމީހަކު އަމިއްލަ އަށެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް ޓެސްޓަށާއި ކަރަންޓީންވުމަށް ދައްކަންޖެހޭ ފައިސާ މެލޭޝިއާއަށް ދަތުރު ކުރަން ފެށުމުގެ ކުރިން ދައްކަން ޖެހޭނެ ކަމަށެވެ. އަދި ފައިސާ ދައްކާފައިވާ ކަމުގެ ލިޔުން މެލޭޝިއާއަށް އެތެރެވުމުން އެއާޕޯޓްގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ކޮވިޑް ޓެސްޓަށާއި ކަރަންޓީންވުމަށް ދައްކަންޖެހޭ ފައިސާ މާދަމާ އިން ފެށިގެން "މައި ޓްރެވަލް ސޭފް" ނުވަތަ "މައިޖީ"ގެ "މައި ކިޔުއާރު" މެދުވެރިކޮށް އޮންލައިންކޮށް ދެއްކޭނެ ގޮތް މެލޭޝިއާ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

މެލޭޝިއާއަށް ދާ އެހެން ގައުމުތަކުގެ މީހުން ކަރަންޓީނުގެ 14 ދުވަހަށް 4700 މެލޭޝިއަން ރިންގިޓް ދައްކަންޖެހެ އެވެ. އެއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 17،390 ރުފިޔާއެވެ. އަދި ކޮވިޑް ދެ ޓެސްޓް ހަދަން ޖެހޭއިރު، އެއާޕޯޓުން ހަދާ ކޮވިޑް ޓެސްޓުގެ އަގަކީ 250 ރިންގިޓެވެ. އަދި ކަރަންޓީން މުއްދަތު ހަމަކޮށްފައި ހަދާ ކޮވިޑް ޓެސްޓުގެ އަގަކީ 120 ރިންގިޓެވެ. ކަރަންޓީން ފީ އާއި ކޮވިޑު ޓެސްޓަށް ޖުމްލަ 5079 ރިންގިޓް އަރަ އެވެ. އެއީ ގާތްގަނޑަކަށް 18،760 ރުފިޔާ އެވެ.