ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އަންނަ އަހަރަށް ދިނުމަށް ކަނޑައަޅާފައިވާ ބަޖެޓަކީ އެކޮމިޝަނާއި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެވޭ ވަރުގެ ބަޖެޓެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކުރަމުން އަންނަ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިހާރު ކުރިއަށްދާ ބައްދަލުމުގައި، ވާހަކަ ދައްކަވަމުން ކޮމިޝަނަރާ މުއުމިނާ ވަހީދު ވިދާޅުވީ، ހިއުމަންރައިޓްސް ކޮމިޝަންގެ ގާނޫނާއި އެންޓިޓޯޗާ ގާނޫނާއި، ވިސްލްބްލޯ ގާނޫނުގެ ދަށުން އެ ކޮމިޝަނާ ވަރަށް ގިނަ ކަންތައްތައް މަތިކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ޒިންމާތައް އަދާކުރަން ޖެހޭ ކަންތައްތައް ކުރުމަށްޓަކައި، 39 މިލިޔަން ރުފިޔާ ބޭނުންވާ ކަމަށެވެ.
ނަމަވެސް އެ އަދަދުވެސް ވަކި ސީލިންގަކަށް ފައްތައިގެން، އަންނަ އަހަރަށް ލަފާކޮށް 30.3 މިލިޔަން ރުފިޔާގެ ބަޖެޓަކަށް އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުއްވި ނަމަވެސް ބަޖެޓްގައި އެ ކޮމިޝަކަށް ދިނުމަށް ހިމަނާފައިވަނީ 24 މިލިޔަން ރުފިޔާ ކަމަށްވެސް މުއުމިނާ ވިދާޅުވިއެވެ.
މުއުމިނާ ވިދާޅުވީ މިހާރު ރައްޔިތުންގެ މެދުގައި ކޮމިޝަނުގެ މައްޗަށް ގެއްލިފައިވާ އިތުބާރު ހޯދުމަށާއި، ކުރަން ހުރި ގިނަ މަސައްކަތްތައް ކުރުމަށް ކޮމިޝަނުން ވަރަށް ގިނަ ކަންތައްތައް އަންނަ އަހަރަށް ރާވާފައިވާ ކަމަށެވެ.
އެގޮތުން ޖަލުތަކަށާއި މީހުން ބަންދު ކޮށްފައި ތިބޭ ތަންތަނަށް ޒިޔާރަތް ކުރުމުގެ އިތުރުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެކި އެކި ދިރާސާތައް ކުރުން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މުއުމިނާ ވިދާޅުވީ، އަތޮޅުތެރޭގެ ރައްޔިތުންނާ ހިސާބަށް އެ ކޮމިޝަނުން ދާން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަންކަމަށް ބޭނުން ވާ ބަޖެޓު ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ކޮމިޝަންގެ ވިސްލްބްލޯ ޔުނިޓް ހިންގާނެ ވެރިޔަކާއި މުވައްޒަފުން ނެގޭ މިންވަރަށްވެސް ބަޖެޓު ނެތް ކަމަށެވެ. އެޔުނިޓް ހިންގަން އަށް މުވައްޒަފުން ބޭނުންވާއިރު، ތިން މުވައްޒަފުން ބޭނުންކޮށްގެން މެނޭޖް ކުރުމަށް ބަޖެޓްގައި ހުށަހެޅި ނަމަވެސް އެކަމަށްވެސް ބަޖެޓު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ޔުނިޓް މިހާރު ހިންގަނީ، ކޮމިޝަންގެ ލީގަލް ޑީޕާޓްމެންޓްގެ ތެރެއިން މުވައްޒަފަކާއި ލީގަލް ޔުނިޓުގެ މުވައްޒަފަކާއި އިންވެސްޓިގޭޝަން ޔުނިޓްގެ މުވައްޒަފަކު ބޭނުންކޮށްގެން ކަމަށެވެ.
މުއުމިނާ ވިދާޅުވީ، 24 މިލިއަނަކީ ހަމައެކެނި މުވައްޒަފުންނަށް މުސާރަ ދީފައި އިދާރާގެ ކުލި ދީފައި ތިބެން ޖެހޭ މިންވަރުގެ އަދަދެއް ކަމަށެވެ.
އޭނާ ވިދާޅުވީ އައްްޑޫގައި ހުންނަ އެ ކޮމިޝަންގެ އޮފީހާ އެކު ހަމަ އެކަނި އިމާރާތުގެ ކުއްޔަށްވެސް މަހަކު 162000 ހަރަދުވާ ކަމަށެވެ. އަދި މިހާރު އެ ކޮމިޝަންގެ އޮފީސް ހުންނަ ތަކަކީ އޮފީހެއް ހިންގަން އެންމެ ރަނގަޅު ތަނެއް ނޫންކަމުން އޮފީސް އެހެން ތަނަކަށް ބަދަލުކުރަން ބަލާއިރު، ދެން ލިބެން ހުރި ތަންތަނުގެ ކުލި އެއަށްވުރެވެސް ދެގުނަ އިތުރު ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު