ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލާ ގުޅިގެން ހައްޔަރުކުރި ފަސް މީހެއްގެ ބަންދަށް 15 ދުވަސް އަދި އަނެއް މީހާއަށް ފަސް ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލައިގައި ހިމެނޭ 18 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް އަދި އެހެން އެންމެންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ރާއްޖޭގައި ހިންގަން ރާވަމުންދިޔަ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި، އެ އަމަލު ހިންގުމުގައި ހަރަކާތްތެރިވި މީހުން ހައްޔަރުކުރުމަށް ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ތ. ތިމަރަފުއްޓާއި މާލެ އަދި މާލެ އަތޮޅު ކަނޑުމަތީގައެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ މާލެއިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހުން އަދި ތ. ތިމަރަފުށިން ދެ މީހަކު ހައްޔަރުކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ތިބީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު