އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީގައި ކޮވިޑް ވެކްސިނެއްގެ ކަންތައް ކޮންމެވެސް ގޮތަކަށް ހައްލުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ދައުލަތުގެ ބަޖެޓް 2021" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖެއަށް ވެކްސިން ހޯދުމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއާ ވެސް ވާހަކަދައްކަމުން އަންނަ ކަމަށެވެ.
"މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ޖެނުއަރީ ނިމޭ ހިސާބު ނޫނީ ފެބްރުއަރީގައި ވެކްސިނެއްގެ ކަންތައް ވެސް ކޮންމެވެސް ގޮތަކަށް ހައްލުވާނެހެން. މިހާރު އަޅުގަނޑުމެން ޑަބްލިޔުއެޗްއާ ވެސް ވާހަކަދައްކަމުން މިގެންދަނީ. މިހާރު އަޅުގަނޑުމެން ވެކްސިން ސްޓޯރޭޖް ހަމަޖައްސަން އެބަޖެހޭ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ލިބެނީ ބައިބަޔަށް ކަމަށާއި ފްރަންޓްލައިނުގައި މަސައްކަތްކުރާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ދިނުމަށްފަހު އެކަހަލަ ގޮތަކަށް އާންމުވާނެ ކަމަށެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ވެކްސިނެއް ހޯދުމުގެ މަސައްކަތް ހަމަޖެއްސޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ގަތުމުގެ ޗާންސް ވެސް އޮންނާނެ. އެހެންވީމާ އަޅުގަނޑުމެންގެ މި ބަޖެޓުން އެކަންތައް ކުރެވޭނެ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އަޅުގަނޑުމެން ރައްޔިތުންނަށް ދޭން ވާނީ ޓެސްޓެޑް އެއްޗެއް. ޓްރަޔަލް އެއްޗެއް އުފައްދައިގެން ކަމަކު ވެސް ނުދާނެ. ފައިޒާ ކޮމްޕެނީން އެބަ ވަރަށް އިޝްތިހާރުވޭ. އެމީހުންގެ ސްޓޮކް ވެސް ވަރަށް މައްޗަށް އަރައިގެން ގޮސްފައިވަނީ. ދެން އަޅުގަނޑު އުންމީދުކުރަނީ އެ ވަރަށް ރަނގަޅު އެއްޗަކަށް ވެގެންދާނެ ކަމަށް. މިކަންތައްތައް ކުރުމަށް އަޅުގަނޑުމެންނަށް ބަޖެޓު ޖާގަ ދޭ." މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ގިނަ ގައުމުތަކަކުން އަންނަނީ ކުރަމުންނެވެ. އެކި ގައުމުތަކުގެ ކުންފުނިތަކުން މިހާރު އަންނަނީ ވެކްސިން ތައްޔާރުކޮށް، ޓެސްޓުކުރުމުގެ މަރުހަލާތައް ކުރިއަށްގެންދަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިހާތަނަށް އެންމެ ކާމިޔާބު ވެކްސިނެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒާ އިން އުފައްދާ ކޮވިޑް ވެކްސިނެވެ.
ޕެފިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާ މި ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންގެ ހަށިގަނޑަށް ދެވަނަ ޑޯޒް ޖަހާތާ ހަތް ދުވަސް ފަހުން ވެކްސިންގެ މަސައްކަތް ކުރާ ރޭޓު ފުރިހަމަ ކަމަށާއި ވެކްސިން ޖަހާތާ 28 ދުވަސް ފަހުން ރައްކާތެރިކަން ކަށަވަރުވާ ކަމަށް ދައްކާ ކަމަށް ވެކްސިން ޓީމުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު