އެގްރޯ ނޭޝަނަލް ކޯޕަރޭޝަން(އެގްރޯނެޓް)އިން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ މަސައްކަތް އަންނަ މަހު ލ. އަތޮޅުގައި ފެށޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަގުސަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވީ، އެގްރޯނެޓުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ކޮންޓްރެކްޓް ފާމިންގެ މަސައްކަތްކުރުމަށް ބޭނުންވާ ސާވޭ ހެދުމުގެ މަސައްކަތްތައް ކަމަށެވެ. ރާއްޖޭގެ 43 ރަށެއްގައި މި ސާވޭ ހަދާއިރު، ސާވޭ ނުނިމި އޮތީ ފުވައްމުލައް ސިޓީއާއި އައްޑޫގެ އިތުރުން ހުވަދޫގެ ބައެއް ރަށްރަށުގައި ކަމަށް ހާރޫން ވިދާޅުވިއެވެ.
ހާރޫން ވިދާޅުވީ، ސާވޭގެ ތެރެއިން މައިގަނޑުގޮތެއްގައި ކުރިއަށް ގެންދަނީ ކޮންޓްރެކްޓް ފާމިންއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ދަނޑުވެރިން ހައްދާ ބާވަތްތައް ދެނެގަތުމާއި އެޕްލިކޭޝަން ފޯމު ފުރައިދިނުމުގެ މަސައްކަތް ކަމަށެވެ. އަދި ޝަރުތު ހަމަވާ ދަނޑުވެރިންނަށް އެގްރޯނެޓާ ގުޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާއެކުގައި މަސައްކަތް ކުރުމަށް މާ ގިނަ ޝަރުތެއް ނޯންނާނެ. ފުރަތަމަ ކަމަކީ އެމީހެއްގެ އަތުގައި 500 އަކަ ފޫޓުގެ ބިމެއް އޮތުން. ދެން ބޭންކް އެކައުންޓެއް އޮތުމާއި އެ ބިމަކީ ރަސްމީ ގޮތަކުން އެމީހަކަށް ލިބިފައިވާ ބިމަކަށް ވުން." ހާރޫން ވިދާޅުވިއެވެ.
މީގެ އިތުރުން ހާރޫން ވިދާޅުވީ، ސާވޭ ނިމުމަށްފަހު އެންމެ ފުރަތަމަ "ކޮންޓްރެކްޓް ފާމިން" ގެ މަސައްކަތް ފަށާނީ ލާމު އަތޮޅުގައި ކަމަށެވެ. ކޮންޓްރެކްޓް ފާމިންގެ ދަށުން ރާއްޖެ ފަސް ޒޯނަކަށް ބަހާލައިގެން 43 ރަށެއްގައި 17 ބާވަތެއް ހެއްދުމަށް ވަނީ ހަމަޖެހިފައެވެ. އެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޒަމާނުއްސުރެ ހައްދައި އުޅޭ އަދި ރާއްޖެއިން ބޭރުން ގިނަ އަދަދަކަށް ކޮންމެ އަހަރަކުވެސް އެތެރެކުރާ ބާވަތްތަކެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ ޑިސެންބަރު މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާމު ލާމު އަތޮޅުގައި އަމަލީ މަސައްކަތް ފަށައިގަތުމަށް ޓަކައި މަސައްކަތްތަކެއް ކުރުން" ހާރޫން ވިދާޅުވިއެވެ.
ހާރޫން ވިދާޅުވީ ދަނޑުވެރިންގެ ފަރާތުން ކޮންޓްރެކްޓް ފާމިންއަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އެގޮތުން ލާމު އަތޮޅުން އެކަނިވެސް 400 އެއްހާ ދަނޑުވެރިން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގެ ދަށުން ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީއާއި މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ.
އެގްރޯނެޓްގެ މަސައްކަތްތައް ފަށާފައިވަނީ މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ.