ހދ. ވައިކަރަދޫގެ ދަނޑުވެރިންނަށް މުދާ އުފުލުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލު ގެނައުމުގެ ގޮތުން އެ ރަށަށް ހާއްސަ ފެރީއެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވައިކަރަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ރަށުގެ ދަނޑުވެރިންނަށް ދިމާވަމުންދާ ދަތިތަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ.

"މި ރަށުގައި ދަނޑުވެރިންނަށް ވަރަށް ބޮޑަށް ދަތިވެފައި އޮތް ކަމެއް އެބައޮތް. ވަރަށް ގިނަ ދަނޑުވެރިން، 150 އެއްހާ ބޭފުޅުން އެ މަސައްކަތް ކުރައްވާއިރުގައި ދަނޑުވެރިން މުދާ އުފުލަން މިޖެހޭ ގޮތް ވަރަށް ދަތި. މުދާ ފެރީ މި ރަށުގެ ދަތުރުކުރަން އޮންނަ ރޫޓުގެ ސަބަބުން މިއީ ދަނޑުވެރިންނަށް އެކަމުން ވަރަށް ބޮޑެތި ގެއްލުންތައްވެސް އެބަވޭ. އެހެންވީމާ މިކަން ހައްލުކޮށްދިނުމަށްޓަކައި އިރާދަކުރެއްވިއްޔާ މި ރަށަށް ހާއްސަ، މި ރަށުން ފުރާ، މި ރަށަށް ހާއްސަ ކުރެވިގެންދާ ގޮތަށް މުދާ ފެރީ، މުދާ ފެރީ މި ރަށުން ފުރާގޮތަށް ނޫނީ މި ރަށަށް ހާއްސަ ގޮތަށް އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މާގިނަ ދުވަސްތަކެއްނުވެ އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

ވައިކަރަދޫގެ ބަނދަރު ތަރައްގީކުރަން މިއަދު ސޮއިކޮށްފައިވާ ކަމަށާއި ސަރުކާރުން ދޭން ބޭނުންވާ ޔަގީންކަމަކީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ތަރައްގީކޮށްދޭނެކަމުގެ ޔަގީންކަން ކަމަށް ރައީސް ވިދާޅުވިއެވެ. ބަނދަރުގެ މަސައްކަތާއެކު މޫދަށް އެރޭނެ ތަނަކާއި، ފަތާ ފެންގަނޑެއް ވަކިން ހަދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ނިންމައިދޭނެ ކަމަށާއި ކުޅިވަރު ދާއިރާއިން ފަށައިފައި ހުރި ކަންކަން މިއަހަރުގެ ތެރޭގައި ނިންމައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހޭންޑްބޯލް ކޯޓް، އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ.

ސްކޭޓިން ޕާކުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ޑިޒައިން މަސައްކަތް ކަމަށާއި މި އަންނަ މަސް ނިމުމުގެ ކުރިން ސްކޭޓް ޕާކުގެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ތައުލީމީ މަރުކަޒުގެ 12 ކްލާސްރޫމެއް ހަދަމުންދާތާ މިހާރު 12 އަހަރުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަލްޓިޕާޕޯސް ހޯލުގެ މަސައްކަތްވެސް އަދި ނުނމޭ ކަމަށެވެ. މީގެ 37 އަހަރު ކުރިން މި ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވީ ލޯކަލް ގަވަނެސް މިނިސްޓަރު އާދަމް ޝަރީފު ކަމަށާއި އޭރުވެސް ސްކޫލުގައި ބޭނުން ކުރަމުންދިޔައީ މިހާރުވެސް ބޭނުން ކުރަމުންމިދާ ހޯލުކަމަށް އާދަމް ޝަރީފު، އެ މަނިކުފާނު ގާތުގައި ވިދާޅުވި ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ދެން އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް ނިންމައި ބޭނުންކުރެވޭވަރު ކޮށްދޭނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރަށުގެ އިންޖީނުގެ ރަށު ތެރޭގައި ހުރުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކެއް ދިމާވަމުންދާ ކަމަށާއި އެއީ 30 އަހަރުވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. ނަމަވެސް ފެނަކަ ކޯޕަރޭޝަނުން މި އަހަރުގެ ތެރޭގައި އެ މައްސަލަ ހައްލުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވައިކަރަދޫގައި ގުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކޮށްދިނުމުގެ މަސައްކަތް އަހަރުގެ ކުރީކޮޅު ފަށައިދޭނެ ކަމަށެވެ. އަދި ހަމަ މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މުޅިން އާ ޒަމާނީ މިސްކިތެއް އަޅައިދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށުގެ ސިއްހީ މަރުކަޒު އަޕްގްރޭޑުކޮށް، މުވައްޒަފުން ނެގުމުގެ މަސައްކަތް ސަރުކާރުން ކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 50 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތްވެސް އެ އަހަރުގެ ތެރޭގައި ފަށައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.