ލާމަރުކަޒު ކުރުމަކީ ސިއްހީ ދާއިރާ ތަރައްގީކުރުމުގެ އެންމެ މުހިންމު އެއް ކަންތައް ކަމަށާއި ލާމަރުކަޒު ނުކޮށް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ދައުލަތުގެ ބަޖެޓް 2021" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖެއަށް މިވަގުތު އެންމެ މުހިންމީ ލާމަރުކަޒު ކުރުން ކަމަށާއި އެކަން ބަޖެޓުގައި ހިމަނާފައި އޮތުމަކީ ވަރަށްވެސް އުންމީދީކަމެއް ކަމަށެވެ. އަދި ލާމަރުކަޒީ ނުކޮށް، ބޭނުންވާ ހިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ދިނުމަށް ދަތިވާނެ ކަމަށް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ލާމަރުކަޒީ ނުކޮށް ހިިދުމަތްތައް ހުރިހާ ސަރަހައްދަށް ފޯރުކޮށްދިިނުމަކީ ދަތިކަމެއްކަން މި ސަރުކާރުން ވަރަށް ކުރިން ތަޖުރިބާ ކޮށްފައިވާ ކަމަށާއި މެނިފެސްޓޯ ތައްޔާރު ކުރި އިރުވެސް އެކަން ތަޖުރިބާ ކޮށްފައިވާ ކަމަށެވެ.
"ލާމަރުކަޒު ކުރުމަކީ ހެލްތު ދާއިރާ ތަރައްގީކުރުމުގެ އެންމެ މުހިންމު އެއް ކަންތައް. ލާމަރުކަޒު ނުކޮށެއް އަޅުގަނޑު ދެކޭ ގޮތުގައި މިކަންތަކެއް ކާމިޔާބެއް ނުކުރެވޭނެ،" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ދަމަނަވެށި ފަދަ ތަންތަން އުތުރާއި ދެކުނުގައި ގާއިމުކުރަން ޖެހޭނެ ކަމަށާއި ބޭހާއި ސިއްހީ ސާމާނު ލިބޭނެ ތަންތަން އުތުރާއި ދެކުނުގައި ގާއިމުކުރަން ޖެހޭނެ ކަމަށެވެ. މާލޭގައި އެކަނި ބޭސް ފިހާރަތައް ހަދައިގެން ބޭނުންވާ ތަރައްގީއެއް މި ދާއިރާއަކަށް ނުލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ސަޕްލައި ކުރާ އަޅުގަނޑުމެންގެ އެޖެންޓުންގެ ތަންތަން ހުންނަން ޖެހޭނެ އުތުރުގައިވެސް ދެކުނުގައިވެސް. އޭރުން އަވަހަށް އެއްޗެއް ބޭނުންވީމަ ސަޕްލައި ކުރެވޭނީ. އެ އިންތިޒާމުތައް ޖެހޭނެ ހަމަޖެހެން،" ނަސީމް ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމާއި ފަސޭހަކަމާއެކު ދިރިއުޅުމުގެ ނިޒާމުތައް ހަމަޖައްސައިދިނުމާއި އުންމީދުތަކެއް އާކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު މަސައްކަތް ކަމަށާއި އެކަން ޕްލޭނެއްގެ ދަށުން ކުރަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުން ދެކޭ ހުވަފެންތަކުގައި ކުލަ ޖެއްސޭނެ މިންވަރަށް މި ސަރުކާރުން ގެންގޮސްދޭނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
ނަސީމް އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް ވިސްނުންތެރިކަމާއެކު ކަންކަން ނިންމަވާ ބޭފުޅެއް ކަމަށާއި ރައީސް ސޯލިހަކީ މަޝްވަރާކުރައްވައިގެން ކަންކަން ނިންމަވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ކަންކަން ކުރައްވަނީ ތަރުތީބަކާއެކު ކަމަށާއި މިއަދު ގައުމުގެ ހުންގާނު ހަވާލުކުރެވިފައިވަނީ ވަރަށްވެސް ރަނގަޅު ބޭފުޅަކާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު