ވ. އަތޮޅުގައި އޮންނަ ސިނަމަން ވެލިފުށި ރިސޯޓުން ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިމަހުގެ ދިހަވަނަ ދުވަހު އެ ރިސޯޓުން ދެ މުވައްޒަފަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"ވ. އަތޮޅުގައި މިވަގުތު އޮޕަރޭޓް ކުރަމުންދާ ރިސޯޓެއް ކަމަށްވާ ސިނަމަން ވެލިފުށީގައި ދެ ސްޓާފަކު ޕޮޒިޓިވްވުމާ ގުޅިގެން އަޅުގަނޑުމެން މިދަނީ އެ އައުޓްބްރޭކް މޮނީޓާކުރަމުން. ދިހަވަނަ ދުވަހު މި ބިދޭސީ ދެ ސްޓާފުން މިވަނީ ޕޮޒިޓިވްވެފައި. އެމީހުން ބަލީގެ އަލާމާތްތައް ފެނުމާއެކު ޓެސްޓުކުރުމުގެ ތެރެއިން ޕޮޒިޓިވްވެފައި މިވަނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ދެ މީހުން ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުގެ 38 މުވައްޒަފެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އެ އެންމެން ވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. އަދި ބާކީ ތިބި މުވައްޒަފުންގެ 77 ސާމްޕަލެއް ނަގައި، މާދަމާ މާލެ ގެނެސް ޓެސްޓުކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އެ ކޭސްގެ ގިނަ އަދަދެއްގެ ކޮންޓެކްޓުން ޕޮޒިޓިވްވަމުންދާ އިރު، އޭނާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ފުލުހަށް ހުށަހަޅައިފައެވެ. އޭގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކަނޑިންމަ ރިސޯޓުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 60 އަށް އަރައިފައެވެ. އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަތުރުވެރިޔަކު ވެސް ހިމެނެއެވެ.

ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މަރުވި، ދ. މާއެނބޫދޫ، ދިލްބަހާރުގޭ އާދަމް ނަސީރަށް އެ ރިސޯޓުގެ މެނޭޖްމެންޓުން އެކަށީގެންވާ ފަރުވާ ފޯރުކޮށްނުދިނުމާއި ފަރުވާ ލަސްވުމާއި އަޅައިނުލާކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އެ ރިސޯޓަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްފައެވެ.

އެ ރިސޯޓު ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް ފަތުރުވެރިން އަރައި ފޭބުން މަނާކޮށްފައެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކަނޑިންމަ ރިސޯޓުން ފޭބޭނީވެސް ކޮންޓެކްޓް ޓްރޭސިން ހަދައި އެއްވެސް ކޮންޓެކްޓެއް ނެތް އަދި ނެގެޓިވްކަން ޔަގީންވާ ފަތުރުވެރިންނަށެވެ.