ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލަކާ ގުޅިގެން ތިމަރަފުށިން އިތުރު މީހަކު ހައްޔަރުކޮށްފި ކަމަށާއި މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ޖުމުލަ އަދަދު ހަޔަކަށް އަރާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ ބުނީ، ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލަކާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަނެއްގައި އެ އަމަލު ހުއްޓުވާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަނީ މާލެ އާއި މާލެ އަތޮޅު ކަނޑިމަތީގައި އަދި ތ. ތިމަރަފުށީގައި ކަމަށާއި މިހާތަނަށް މާލެއިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހަކު އަދި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ، އެ އޮޕަރޭޝަންގައި ތިމަރަފުށިން ރޭގެ ވަގުތެއްގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެއް ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، އެމްޑަބްލިޔުއެސްސީ ކައިރީގައި އޮންނަ ޕާކިން ޒޯނުގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ މައުލޫމާތެއް ލިބިގެން ފުލުހުން ރޭ ހަރަކާތްތެރިވި ކަމަށެވެ. ނަމަވެސް އެއީ ނުރައްކާތެރި އެއްޗެއް ނޫންކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް