ރިޕޯޓް

އެއްވެސް ސަރުކާރަކަށް ހައްލު ނުވި ބިދޭސީންގެ މައްސަލަ: 15 ހާސް ބޭރުކޮށް ކާމިޔާބުގެ މަގަށް!

އަލީ އަފާފު ރަމީޒު

4

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ މި ގައުމުގައި ޒަމާންވީ މައްސަލައެކެވެ. މި މައްސަލައަށް ހައްލު ނުލިބި އެތައް ޒަމާނެއްވެ، "ގާ" ވެފައިވާ މައްސަލައެކެވެ. އެއްވެސް ސަރުކާރަކުން އިސްވެ، މި މައްސަލަ ހައްލު ކުރަން މަސައްކަތް ކޮށްފައިވާ މަންޒަރެއް މީގެ ކުރިން ފެނިފައެއްނުވެ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު، ބިދޭސީންގެ މައްސަލައަށް ވަރަށްވެސް ފުރިހަމަ ބޭހެއް ހޯދައިފި އެވެ. އެމައްސަލައިގައި އެޅުވިފައިވާ ތަޅު، ހުޅުވައި ވަރަށްވެސް ފުރިހަމަ ނަތީޖާއެއް ދައްކުވައިދީފި އެވެ.

ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ކުޑަކުޑަ ގައުމެކެވެ. މި ގައުމުގެ އާބާދީއަކީވެސް ނިސްބަތުން ވަރަށް މަދު އަދަދެކެވެ. އެގޮތުން ސްޓެޓިސްޓިކްސް ބިއުރޯ އިން މިދިޔަ މަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 557،426 މީހުންނެވެ. އެއީ 201،277 އަންހެނުންނާއި 356،149 ފިރިހެނުންނެވެ. ނަމަވެސް އާބާދީގެ 35 ޕަސެންޓަކީ ބިދޭސީންނެވެ. އެއީ ގާތްގަނޑަކަށް 194،000 މީހުންނެވެ. މީގެ ތެރެއިންވެސް ގަވާއިދާ ހިލާފަށް 80،000 އަށްވުރެ ގިނަ ބިދޭސީން އުޅޭ ކަމަށް ސަރުކާރުގެ އިދާރާތަކުން ލަފާކުރެ އެވެ.

ޕްލޭންތަކާއެކު މަސައްކަތް ފެށިގެންދިޔަ ގޮތް:

ރައީސް ސޯލިހްގެ މޭސްތިރިކަމުގެ ދަށުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް މި ދެ އަހަރު ދުވަހު ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފި އެވެ. އެންމެ ފުރަތަމަވެސް ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ ރާއްޖޭގައި ނިސްބަތުން އެންމެ ގިނަ ބިދޭސީން އުޅޭ ގައުމު ކަމަށްވާ، ބަންގްލަދޭޝް އިން މަސައްކަތްތެރިން ގެނައުން މިދިޔަ އަހަރުން ފެށިގެން އެއް އަހަރު ދުވަހަށް މަނާ ކުރުމެވެ. އެއާއެކު ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމުގެ އުންމީދު އާކޮށްލަދިނެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ގަވާއިދުގެ ތެރެއަށް ވައްދަން ބޮޑު ޕްރޮގްރާމެއް އިކޮނޮމިކް މިނިސްޓްރީން ފެއްޓި އެވެ. އޭގެ ނަތީޖާ ވަރަށްވެސް ފުރިހަމަ އެވެ. ގަވާއިދުގެ ތެރެއަށް ވަންނަން ބިދޭސީން ގަލޮޅު ދަނޑު ފުރާލުމުން ދޭހަވި އެއް ހަގީގަތަކީ މި ގައުމުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވަރަށްވެސް ގިިނަ ކަމެވެ. ދަނޑުބޭރުގައި މަޖީދީމަގުގެ ދުވާރުމަތީން ދެމިގެން ދިޔަ ބިދޭސީ ކިއު ސޯސަން މަގު އޮބައި ދިއުމުން ޝޮކު ނުޖެހޭ ދިވެއްސަކު ވެސް ނެތެވެ. ހަގީގީ ބޮޑު މަންޒަރު އެންމެނަށް ވެސް ފެނުނެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގާނޫނާއި ގަވާއިދު ތަކަށްވެސް މި ދެ އަހަރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އިމިގްރޭޝަން ގާނޫނަށާއި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ގަވައިދުތަކަށް ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުން ވެސް މައްސަލަ ހައްލު ވުމުގެ މަގަށް މިސްރާރބު ހިފުނުތަން ފެންނާން ފެށިއެވެ.

ފެންނަ ނަތީޖާ

ރާއްޖޭގައި ދެ ލައްކައާ ގާތްކުރާ އަދަދަކަށް ބިދޭސީން އުޅޭ އިރު، 80،000 ވަރަކަށް މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް ވަނީ ބެލެވިފަ އެވެ. އެ މީހުން ހޯދައި ފޮނުވައިލުމަށް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނުން ފެށި މަސައްކަތުގެ ނަތީޖާ ވަރަށްވެސް ރަނގަޅު ކަމަށް ގިނަ ފަރާތްތަކުން ގަބޫލު ކުރެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ އަމަލީ މަސައްކަތް ފެށިގެން ދިޔައީ މިއަހަރެވެ. ކޮވިޑްގެ ބިރުވެރިކަމުގެ ތެރޭގައި ގައުމު އޮތް އިރު، އެންމެ ފުރަތަމަ ބިދޭސީންގެ ބެޗް ފޮނުވާލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެވެ. އޭގެ ފަހުން ކޮންމެ ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް، ބިދޭސީންގެ ބެޗެއް ފޮނުވަމުންދާއިރު، މިއަހަރުގެ މިހާތަނަށް، ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 7000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

"ޑޮކިއުމެންޓް ނެތް މީހުންގެ ތެރެއިން ގާތްގަނޑަކަށް 7000 ޕްލަސް ފޮނުވިފަ މިވަނީ. މިހާރު މި ފެންނަ ގޮތުން ވެއްޖިއްޔާމު ޑިސެމްބަރުގެ މިޔަލަށް އަޅުގަނޑުމެންނަށް 10.000 އެންމެ ގިނަވެގެން ފޮނުވާލެވޭވަރު ވާނީ. އެއަށްވުރެ ކުޑަކޮށް ދަށްވެސް ވެދާނެ،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރުގެ މިއަހަރުގެ ޓާގެޓަކީ ގަވާއިދާ ހިލާފަށް އުޅޭ 20000 މީހުން އަނބުރާ ފޮނުވާލުމެވެ. އެއަދަދަށް ވާސިލް ނުވި ނަމަވެސް، މިއަހަރުގެ މިހާތަނަށް 15،000 ބިދޭސީން ވަނީ ފޮނުވާލާފައެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅުނު 8000 އަށްވުރެ ގިނަ ބިދޭސީން ވެސް ހިމެނެ އެވެ. އެމީހުންގެ ވޯކް ޕާމިޓް ކެންސަލް ކޮށްފައިވާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

"އެކަމަކު މިއަހަރު އަންޑޮކިއުމެންޓް 7000 ޕްލަސްއާ އިތުރު 8000 ބަނގުލަދޭޝް މީހުން ގޮސްފި. އޭގެ މާނައަކީ އެމީހުން ވޯކް ޕާމިޓް ކެންސަލް ކުރެވިއްޖެ. ޖުމްލަ 15،000 މީހުން މިއަހަރު ތެރޭގައި ގޮސްފި. އިތުރުވީ 2000،" ފައްޔާޒު ވިދާޅުވި އެވެ.

ދިމާވި ގޮންޖެހުންތައް

ރާއްޖޭގައި މިހާ ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާއިރު، އޭގެ ތެރެއިންވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން ފޮނުވާލުމަކީ ވަރަށްވެސް ދަތި އުނދަގޫ ކަމެކެވެ. އިމިގްރޭޝަނާ ގުޅިގެން ހިންގި އޮޕަރޭޝަނާއި ގަވާއިދުގެ ތެރެއަށް ބިދޭސީން ވައްދަން ހިންގި ޕްރޮގްރާމުން ކޮންމެވެސް ވަރެއްގެ ލުއި ތަކެއް ލިބުނެވެ.

ނަމަވެސް މުޅި ގައުމު މިހާރު ތަހަންމަލު ކުރަމުންދާ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މި މަސައްކަތަށް ވެސް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފަ އެވެ. ދާން ބޭނުންވި އެންމެ ބާރު ސްޕީޑްގައި މި މަސައްކަތް ނުގެންދެވި ވަނީވެސް ކޮވިޑްގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މިހާރު ހަފްތާއަކު އެއް ފްލައިޓުން ފޮނުވެނީ އެންމެ 200 ނުވަތަ 150 މީހުންނެވެ. އަދަދު އިތުރު ކުރެވެން އަންނަނީ ފްލައިޓްތައްވެސް އިތުރު ކުރެވިގެންނެވެ. އެކަން ވާން އޮތީ ކޮވިޑްގެ ހާލަތު ރަނގަޅުވެގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބަންގްލަދޭޝަށް އަނބުރާ ދާން ބޭނުންވާ ވަރަށް ގިނަ ބިދޭސީން ރާއްޖޭގައި އެބަ ތިބި ކަމަށާއި ނަމަވެސް ޑޮކިއުމެންޓް ނެތުމުން ނުދެވިފައި ތިބި ކަމަށެވެ. އެމީހުން ގައުމަށް ފޮނުވަމުންދަނީ ބަނގުލަދޭޝް އެމްބަސީން ޕާސްޕޯޓް ހެދޭ މިންވަރަކުން ކަމަށެވެ. ޕާސްޕޯޓް ހެއްދޭ މިންވަރު އަވަސް ވުމުން އިތުރު މީހުން ފޮނުވާލުންވެސް އަވަސް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ ނަތީޖާއާއެކު ހިތްހަމަ ޖެހޭ، އަންނަ އަހަރަށް ކުރާ އުންމީދު ބޮޑު

ބިދޭސީންގެ މައްސަލައަކީ 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބޮޑު މައްސަލައެކެވެ. އުންމީދު ކުރި ޓާގެޓަށް ބިދޭސީން ފޮނުވައި ނުލެވުނު ނަމަވެސް މި މައްސަލައަށް ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

"30 އަހަރަވެފަ އޮތް މައްސަލައެއްގައި ވަރަށް ބޮޑު ކާމިޔާބީއެއް އަޅުގަނޑުމެންނަށް މިއޮތީ މި ދެ އަހަރުގެ ތެރޭގައި ލިބިފަ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަނީ އަންނަ އަހަރުވެސް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން ފޮނުވާލުމުގެ ޓާގެޓެއް ކަނޑައަޅައިފައެވެ. އެކަމަށް ވާސިލް ވުމަށްޓަކައި މަސައްކަތްތަކެއްވެސް އަންނަނީ ކުރެވެމުންނެވެ. އެގޮތުން މިހާރު ފޮނުވާލެވޭ އަދަދު އިތުރު ކުރުމަށް ބަނގުލަދޭޝްގެ އެމްބަސަޑަރާ ވާހަކަ ދައްކަވަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލުވަންދެން މި ޕްރޮގްރާމް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ކޮވިޑުން ސަލާމަތްވެ އަންނަ އަހަރު މި މަސައްކަތަށް ފައްޔާޒު ކުރައްވާ އުންމީދު ވަރަށްވެސް ބޮޑެވެ. ޓާގެޓަށް ވާސިލްވާނެ ކަމުގެ އުންމީދެވެ.

ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޖުމުލައިގެ 40 ޕަސެންޓާ ގާތަށް ބިދޭސީ އާބާދީ އަރައިގެން ގޮސް، އޭގެ ތެރެއިން ވެސް ގިނަ ބަޔަކު ގަވައިދާ ހިލާފަށް އެންމެންގެ ލޯމަތީގައި އުޅެމުން ދިޔައިރު، މިދިޔަ 30 ވަރަކަށް އަހަރު ތެރޭގައި ރައީސް ސޯލިހުގެ ކުރީން ހަތަރު ރައީސަކު ރާއްޖޭގައި ވެރިކަން ކުރައްވައިފި އެވެ. އެ ހުރިހާ ބޭފުޅުންގެ ސަރުކާރުގައި ވެސް ބިދޭސީ މައްސަލައިގެ ވާހަކަ ދެއްކެވި އެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރައްވަން މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ބޮޑު މައްސަލައެއް ކަމަށް ވިދާޅުވި އެވެ. ބިދޭސީންގެ ފުށުން ފެށި އުފަން ވަމުން އައި އިޖުތިމާއީ ބޮޑެތި މައްސަލަތައް އެ ހުރިހާ ރައީސުންގެ ވެރިކަމުގައި ވެސް ދިވެހި ގައުމު ދިޔައީ ތަހައްމަލު ކުރަމުންނެވެ. އެހެން ނަމަވެސް މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށް ވިދާޅުވުން ފިޔަވައި އެކަމަށް އެއިން އެއްވެސް ސަރުކާރަކުން ކުރި އެދެވޭ މަސައްކަތެއް ފެންނާކަށް ނެތެވެ. ނެރެދެވުނު ނަތީޖާއެއް ނެތެވެ. ބިދޭސީންގެ އަދަދު ދިޔައީ ހާހުން ހާހުން އިތުރުވަމުންނެވެ. އެންމެ ފަހުން އައިސް، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ހާލަތު މި އޮތީ ގައުމީ ބޮޑު މައްސަލައަކަށްވެ ބިރުވެރި ހާލަތަކަށް ވެއްޓިފަ އެވެ. ބިދޭސީން ގެ ގުރޫޕުތަކުން ނުކުމެ މަގުތަކުގައި މުޒާހަރާވެސް ކުރަނީ އެވެ. މީހުން ވެސް މަރަނީ އެވެ. ގައުމުގައި ހިންގާ އެންމެ ބޮޑެތި ކުށްތައް ރާވައި ހިންގުމަށް ހަރަދު ކުރުމާއި އެ ކުށްތައް ކުރުމުގައި ވެސް އެމީހުންގެ ބައިވެރިވުން ބޮޑުވެ، ގައުމުގެ ހާލަތު ވަނީ "ބިދޭސީ ކާރިސާ" އެއްގެ ތެރެއަށް ވެއްޓިފަ އެވެ. ކޮވިޑުގެ ހާލަތުގައި ވެސް ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ގައިދުރުކަން ކަށަވަރު ނުކުރެވޭ ވަރަށް މާލޭ ސަރަހައްދުގައި ބިދޭސީ އާބާދީ ތޮއްޖެހިފައި އޮތުމެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގައި، ރައީސް ސޯލިހްގެ އިރުޝާދުގެ ދަށުން، މިނިސްޓަރު ފައްޔާޒު މިއަދު ދައްކަވަމުން ގެންދަވަނީ ފުރިހަމަ ނަތީޖާއެކެވެ. ގައުމަށް ދިމާވެފައިވާ އެންމެ ބިރުބޮޑު އެއް މައްސަލަ ކަމަށްވާ ބިދޭސީންގެ މައްސަލައިގައި ކުރަހައިދެމުން އަންނަ މަންޒަރު ރައްޔިތުންނަށް ވަރަށް ސާފުކޮށް މި ދެ އަހަރު ދުވަހުގެ ތެރޭގައި ދައްކައިދީފި އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ހާސް ބިދޭސީންނެއް ގައުމުން ފޮނުވާލައި، ދެއްކީ ވަރަށް ރީތި ނަމޫނާއެކެވެ. މި މައްސަލައިގައި އަޅުވާފައިވާ ތަޅު ނައްޓުވާލައި، ދައްކާލަދިނީ ވަރަށްވެސް ފުރިހަމަ ނަތީޖާއެކެވެ.