މި ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތާއި އަންނަ އަހަރުގެ ބަޖެޓާއެކު ރާއްޖޭގެ ސިއްހީ ދާއިރާއިން ރައްޔިތުންނަށް ހީނުކުރާހާ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހާ ގުޅުވައިގެން ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި ސަރުކާރުގެ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ވެސް އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށް ކަމަށެވެ.

"މިއާއެކު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހީނުކުރާހާ ފަސޭހަތަކެއް ލިބިގެންދާނެ. ރަށުގައި ނޫނީ އަތޮޅުގައި ތިބެގެން ބޮޑެތި ކަންތައްތައްވެ، ވަރަށް މަދުން ނޫނީ އަޅުގަނޑު ދަންނަވާނީ މާލެ ނޫނީ އެހެން ދިމަދިމާލަށް ދިއުން އެއީ މުސްތަގުބަލުގައި އެކަމަށް އިންތިޒާމުތައް ކުރެވިގެންދާނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް އެންމެ ބޮޑު ލުއިފަސޭހަ ކަމެއް ބޭނުންވެފައިވާ އެއް ކަމަކީ ސިއްހީ ނިޒާމު ކަމަށާއި ސިއްހީ ނިޒާމަށް ބޮޑަށް ބަރޯސާވެފައި އޮންނަނީ މާލެއަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުން ފަސޭހަކަމާއެކު އެ ހިދުމަތްތައް ލިބިގެން ދިއުން ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުން ރާއްޖޭގެ ހިންގުން ހަރުދަނާކޮށް، ރަށްރަށާއި އަތޮޅުތަކަށް އިތުރު ބާރުތައްދީ، ހިންގުމުގެ ނިޒާމު ވަރުގަދަ ކުރުމުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށި ހޮސްޕިޓަލްގެ ހިންގުން ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.

"ދުވަހަކުވެސް މީގެ ކުރިން އަޅުގަނޑުމެންނަކަށް އަޑެއް ނީވޭ ރާއްޖޭގެ ރަށެއްގެ ހޮސްޕިޓަލަކުން ނޫނީ އަތޮޅު ހޮސްޕިޓަލަކުން އަދި ރީޖަނަލް ހޮސްޕިޓަލަކުންވެސް ސާޖަރީތައް، އޮޕަރޭޝަންތައް ކޮށް އުޅެއޭ. ދެ އަހަރު ވެގެންދާއިރު އާދަޔާ ހިލާފަށް ވަރަށް ރަނގަޅު ކަންތައްތަކެއް ކުރެވިފައި އެބަހުރި. މީގެ ސަބަބުން ރައްޔިތުންގެ އިތުބާރު ލިބިގެން އެބަދޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުން އަންނަކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ މިއަދު މިހާ ހިސާބަށް އާދެވިފައިވަނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި ހާއްސަކޮށް ސިއްހީ ދާއިރާގެ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ކޮވިޑުގެ އަދަދު މިހާރު ވަރަށް ބޮޑަށް ދަށް ކުރެވިފައިވާ ކަމަށެވެ. ކޮވިޑްގެ އަދަދު މިއަދު ދަށް ވިޔަސް ފަރުވާކުޑަ ނުކުރުމަށާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ވެސް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.