ދުނިޔޭ ފުޓުބޯޅައިގެ މައި އިދާރާ ފީފާއާއި ޔޫއެފާއިން ކުޅުންތެރިން ގެންގުޅެނީ ޕަޕެޓު ހައްދައިގެން ކަމަށް ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފިއެވެ.
މުބާރާތްތައް ގިނަވެ، ކުޅުންތެރިންނަށް ބުރަ ބޮޑުވާކަމަށް ފާހަގަކުރަމުން، ޔޫއެފާއާއި ފީފާގެ ކަންކަމަށް ކްރޫސް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެގޮތުން ކްލަބު މުބާރާތްތަކާއި ބައިނަލްއަގުވާމީ މުބާރާތްތައް އިތުރުކޮށް، ކުޅުންތެރިން ބޭނުންކޮށްގެން ޔޫއެފާއާއި ފީފާއިން ކުރަމުންދަނީ ބޮޑު ވިޔަފާރިއެއް ކަމަށް ކްރޫސް ފާހަގަކޮށްފައިވެއެވެ.
"އިތުރު މުބާރާތްތަކާއެކު ކުޅުންތެރިން ފިޒިކަލީ އެކީ އެކައްޗަކަށް ބަލިކޮށްލާ. ކުޅުންތެރިންކަށް ނުވިސްނާނެ ޔޫއެފާއާއި ފީފާއިންވެސް. ފައިސާ ކޮޅަށް މި ވިސްނަނީ. އެހެންވީމާ އިދާރާތަކުގެ ޕަޕެޓުން މި ކުޅުންތެރިންނަކީ،" ޖަރުމަނު ގައުމީ ޓީމާއެކު ކުރިއަށް އޮތް ނޭޝަންސް ލީގު މެޗަށް ތައްޔާރުވަމުން އަންނަ ކްރޫސް ބުންޏެވެ.
މީގެ ދެ އަހަރު ކުރިން ޔޫއެފާއިން ފެށި ނޭޝަންސް ލީގަކީ ޔޫރަޕްގެ ޓީމުތަކުގެ މެދުގައި ކުޅޭ ކޮލިފިކޭޝަން މެޗުތަކާއި އެކުވެރިކަމުގެ މެޗުތައް އެކީ އެކައްޗަކަށް ކުޅުމަށް ތައާރަފު ކުރި ލީގެކެވެ. އެހެންނަމަވެސް އެ މުބާރާތުގެ ސަބަބުން އިންޓަނޭޝަނަލް ބްރޭކްތަކުގައި ޔޫރަޕްގެ ޓީމުތަކުން ކުޅެން ޖެހޭ މެޗުތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެއެވެ.
ފީފާ ކްލަބު ވޯލްޑް ކަޕްވެސް މިހާރު ބޮޑު ކޮށްފައިވާ އިރު، މިހާރު އަނެއްކާ ވާހަކަތައް ފަށާފައިވަނީ މުޅިން އަލަށް ތައާރަފު ކުރާ އެލީޓް ކްލަބު ފުޓުބޯޅަ މުބާރާތެއް ކަމަށްވާ ޔޫރަޕިއަން ސުޕަ ލީގެއް އުފެއްދުމަށެވެ. ކްލަބު ލެވެލްގައި ބަޔާނާއި ރެއާލް ފަދަ ކްލަބުތަކުގައި އެތަކެއް ކާމިޔާބީތަކެއް ހޯދާފައިވާ ކްރޫސް އެފަދަ ބަދަލުތަކާ ދެކޮޅު ކަމަށް ބުނެފައިވެއެވެ. ކްރޫސް ބުނެފައިވަނީ އިތުރު މުބާރާތްތަކެއް ތައާރަފު ކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ