ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް މިއަދު ގާއިމުކޮށް، އެތަނުގައި ހިދުމަތް ދޭން ފަށައިފިއެވެ.
މި ހެލްތު ޑެސްކް އިފްތިތާހުކޮށްދެއްވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއާޕޯޓުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވާ މުހައްމަދު ޝިޔާމެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެއާޕޯޓުގައި ހަރަކާތްތެރިވާ އެހެނިހެން ކަމާބެހޭ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ޑެސްކް ގާއިމުކުރުމުގެ މަގުސަދަކީ ކޮވިޑް 19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި އެ މިނިސްޓްރީން ހަދާފައިވާ ގައިޑްލައިންތަކުގެ މައުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށާއި ސިއްހީ ހިދުމަތްދޭ އިދާރާތަކާއި ފަތުރުވެރިންނާ ދެމެދު ހިނގާ މުއާމަލާތްތަކުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ރިސޯޓް، ހޮޓާ، ގެސްޓްހައުސް، ސަފާރީ އުޅަނދު އަދި ޓްރެވެލް އެޖެންޓުންނާއި ފަތުރުވެރިންނާ ދެމެދު ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ރާއްޖޭގެ އިގުތިސޯދުގެ ބޮޑު އިންސައްތައެއް ބަރޯސާވަނީ ފަތުރުވެރިކަމަށް ވީހިނދު، އެ ފަރާތްތަކަށް ރާއްޖެއިން ފުރަތަމަ މަރުހަބާ ކިޔާ ތަނަކި އެއާޕޯޓްކަމަށް ވާތީ، މި ހެލްޕް ޑެސްކްގެ ސަބަބުން އެ ފަރާތްތަކަށް ދިމާވާނެ އެންމެހައި ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދީ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އެ ހެލްޕް ޑެސްކްގެ ސަބަބުން ފަތުރުވެރިންގެ ރައްކާތެރިކަން މިހާރަށްވުރެ އިތުރަށް ކަށަވަރުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު