ޝަރުޢީ ނިޒާމަށް ރައްޔިތުންގެ އިތުބާރާއި ހިތްހަމަޖެހުން އަންނަނީ ލިބެމުން ކަމަށާއި ނަމަވެސް މިކަމުގައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ރައީސް ސޯލިހު މިއަދު ވިދާޅުވީ، ޖުމްހޫރީ ނިޒާމެއްގެ ތެރެއިން ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި، އެންމެ ބޮޑަށް ބޭނުންވަނީ، ޝަރުއީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް، ވަރަށް ހަރުދަނާ ގޮތެއްގައި ކުރަމުން އަންނަ ކަމަށެވެ.

އޭގެ ސަބަބުން، ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރާއި ހިތްހަމަޖެހުން ލިބެމުން އަންނަ ކަމަށާއި ނަމަވެސް މިކަމުގައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން ފަނޑިޔާރުގެއާ ބެހި އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެކަމުގެ ވިސްނުމެއް ވެސް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ޖުޑީޝަލް އަހަރު ފެށުމަށް މިއަހަރުގެ ފެބްރުއަރީ 18 ވަަނަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމަށް ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން އުޅެނީ ތެދުވެރި ނިޔަތެއްގައި ކަމަށެވެ. އެއީ ރައްޔިތެއްގެ ކިތަންމެ ކުޑަ ހައްގެއް ބަޔަކު ނިގުޅައިގަތަސް، ފަނޑިޔާރުގެއިން އެ ހައްގެއް އަނބުރާ ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ފަނޑިޔާރުން ކަމަށާއި އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ބަދަލަކީ އަދުލު އިންސާފުގެ މަގުން ނިޔާތައް ކަނޑައެޅުން ކަމަށާއި އެކަން ފަނޑިޔާރުގެއިން ފެންނަން ފަށާނީ ފަނޑިޔާރުން އެ ބޭފުޅުންގެ އަމިއްލަ ނަފްސުން ފެށިގެން އިސްލާހީ ބަދަލުތަކަށް ފުރުސަތު ދެއްވައިގެން ކަމަށެވެ.