އަމިއްލަ ބޯހިޔާވަހިކަމެއް ނެތް މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޝްރޫއުތަކެއް ފަށަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން މިދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރާއިރު އަޅުގަނޑުމެންގެ އަމާޒުން މާލެ ކައްސާލައިގެން ނުވާނެ ކަމަށެވެ.
ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ހާއްސަ މަޝްރޫއުތަކެއް މާލެ ސަރަހައްދުގައި ފެށުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މިއަދު ވާހަކަ ދައްކަވަމުންވެސް ރައީސް ވިދާޅުވީ، އަންނަ އަހަރަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާނެ އެންމެ މުހިއްމު އެއް މަޝްރޫއަކީ، މާލޭގެ ރައްވެހިންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ މަޝްރޫއު ކަމަށެވެ.
އެގޮތުން އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި 3000 ފުލެޓްގެ ބިންގާ އެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި ނަމަވެސް މިދިޔަ ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް އުންމީދުކުރި ހަލުވިމިނުގައި ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ.
"ކުރިއަށް އޮތް އަހަރު އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތަކަށް ވެގެންދާނީ މާލޭގެ ބޯހިޔާވަހިކަން ނެތް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުތައް. މިއަހަރުގެ ތެރޭގައި ވެސް މިމަހު އާއި ޑިސެމްބަރު މަހުގެ ތެރޭގައި އޭގެ އަމަލީ މަސައްކަތް ފެށިގެންދާތަން ފެންނާނެ. އެގޮތުން 3000 ފްލެޓެއްގެ ބިންގާ އެޅިގެންދާނެ،" ރައީސް ވިދާޅުވި އެވެ.