Close
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަފުސާނީ ބަލިތަކަށް ފަރުވާދިނުމުގެ ހިދުމަތް އަންނަ އަހަރު އަތޮޅުތަކުގައި ފެށޭނެ: ރައީސް

ނަފުސާނީ ބަލިތަކަށް ފަރުވާދިނުމުގެ ހިދުމަތް އަންނަ އަހަރު އަތޮޅުތަކުގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، މިއަހަރު ފާހަގަ ކުރަމުން މި އަންނަ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާ މުހާތަބު ކުރައްވައި މިއަދު ދެއްވި ހިތާބުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަށް ގައުމީ ފެންވަރުގައި ހާއްސަ ސަމާލުކަމެއް ދީގެން މިދިޔަ އަހަރުގެ ތެރޭގައި މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައިވާ ކަމަށެވެ.

އެ މަސައްކަތް އިތުރަށް ފުޅާކޮށް ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ހިދުމަތް އަންނަ އަހަރުގެ ތެރޭގައި އަތޮޅުތަކުގައި ފެށޭނެ ކަމަށާއި މިހާރު ކުރިމަތިވެފައި މިވާ ކޮވިޑުގެ ސަބަބުން މުޅި ދުނިޔޭގައިވެސް ނަފްސާނީ މައްސަލަތައް އިތުރުވެ އެކަމަށް ދޭ ސަމާލުކަން އިތުރުކުރަން ޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ މަސައްކަތް އިތުރަށް ފުޅާކޮށް، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ހިދުމަތް، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި، އަތޮޅުތަކުގައި ފެށޭނެ. މިހާރު އަޅުގަނޑުމެންނާ ކުރިމަތިވެފައި މިވާ ކޯވިޑުގެ ސަބަބުން މުޅި ދުނިޔޭގައިވެސް ނަފްސާނީ މައްސަލަތައް އިތުރުވެ، އެކަމަށް ދޭ ސަމާލުކަން ވަނީ އިތުރުކުރަން ޖެހިފައި،" ރައީސް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކަށް ހާއްސަކޮށް ''ސެންޓަރ ފޮރ މެންޓަލް ހެލްތު'' މިދިޔަ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމީކޮށް ހުޅުއްވައި ދެއްވައިފައެވެ.

ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ހުޅުވި ''ސެންޓަރ ފޮރ މެންޓަލް ހެލްތު'' އަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

މި ސެންޓަރުން އާސަންދައިގެ ދަށުން ނަފްސާނީ އެކި ބަލިތަކަށް ފަރުވާ ހޯދުމަށް ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި ނަފްސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ދިނުމުގެ މުހިންމުކަން ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން އެނގިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބާގައި ހުސްވި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި، ރައީސް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ނަފްސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ދިނުމުގެ މުހިންމުކަން އެނގިގެން ގޮސްފައިވާ ކަމަށާއި އާންމު ސިއްހަތު ދެމެހެއްޓުމަށްޓަކައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭނެ މަގު ފަހިވެފައިވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

މީގެ އިތުރުން ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ގޮތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް އެދުވަހު ވިދާޅުވިެވެ.

ކޮވިޑް 19ގެ ސަބަބުން އެތައް ސަތޭކަ ބަޔަކަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ އިރު، ކޮވިޑާ ގުޅިގެން ކުރީ ސަފުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ބަޔަކީ ނަފްސާނީ އެހީތެރިންނެވެ.