ރައީސުލްޖުމްހޫރިއްޔާ ކަަމުގެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކުރައްވަނީ، ދެން އޮންނަ ދައުރަކަށް ކުރިމަތިލާން ނިންމައިގެން ކަމަށް ވާނަމަ، އެވާނީ ވަރަށް ހުދުމުތާރު މީހަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ މިއަދުގެ ފަށާއިރު ޕްރޮގްރާމްގައި، ކުރިއަށް އޮތް ރިޔާސީ ދައުރަށް ކުރިމަތިލައްވާނަންތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް އަންނަ މީހަކު ކުރިއަށް އޮތް ދައުރަށް ކުރިމަިތިލާން ފުރަތަމަ ދުވަހު ނިންމާ ކަމަށްވަންޏާ އެއީ ކުރާނެ އެންމެ ގޯސް ކަންތައް ކަމަށެވެ. ވެރިކަމަށް ވަޑައިގެން ކުރަން ޖެހޭނެ ކަމަކީ ވައުދުތައް ފުއްދުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން "އެއީ ރައްޔިތުންނަށް ވެވޭނެ ވަރަށްބޮޑު ގޯސްކަމެއް، އެހެންކަމުން އަޅުގަނޑު ވެރިކަމަށް އައިސް އަޅުގަނޑު ކުރަން ޖެހޭނެ ކަމަކީ އަޅުގަނޑު ވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރުން،" ކަމަަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެން އޮންނަ ދައުރަކަށް ކުރިމަތިލާން ނިންމައިގެން މަސައްކަތް ކުރާ ނަމަ ވެރިކަން ކުރާނީ އެމީހަކު ބޭނުން ގޮތަކަށް ބޭނުން ކަންތަކެއް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
"ދެން އޮންނަ ދައުރަކަށް ކުރިމަތިލާން ނިންމައިގެން މަސައްކަތް ކުރާ ކަމަށް ވާނަމަ އެވާނީ ވަރަށް ހުދުމުހުތާރު މީހަކަށް، އޭރުން ކުރާނީ އަޅުގަނޑު ބޭނުންވާ ގޮތަށް އަޅުގަނޑު ބޭނުންވާ ކަންތައްތައް،" ރައީސް ވިދާޅުވިއެވެ. އަދި އޭރުން ހިދުމަތްކުރެވޭނީ ރައްޔިތުންނަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު