Close
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮވިޑްގެ ގެއްލުންތަކުން އަރައިގަންނަން މަސައްކަތް ކުރާއިރު އެންމެބޮޑު އިސްކަމެއް ދެނީ މީހުން ބިނާކުރަން: ރައީސް

ކޮވިޑް 19 އާ ގުޅިގެން އައި އިގުތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ މީހުން ބިނާކުރުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ރައީސް ސޯލިހު މިއަދު ވިދާޅުވީ، މީހުން ބިނާކުރުމުގެ ގޮތުން ތައުލީމީ ދާއިރާއިން އަންނަ އަހަރު ހިންގާ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތައުލީމީ ނިޒާމަކަށް ބޭނުންވާނެ އިންސާނީ އަދި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދެވޭނެ ކަމަށެވެ.

އޭގެ އިތުރުން މީހުން ބިނާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްގީ ކުރުމަށާއި ޖޫނިއާ ކޮލެޖް ގާއިމްކުރުމަށާއި ޕޮލިޓެކްނިކުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވަނީ 3.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ ތެރެއިން ސްކޮލަޝިޕާއި ތަމްރީނަށް 569 މިލިއަން ރުފިޔާ، ހަތަރު ރަށެއްގައި ޓިވެޓް ސެންޓަރު ގާއިމްކުރުމަށް 11 މިލިއަން ރުފިޔާ އަދި ލ. އަތޮޅުގައި ޓޫރިޒަމް ޓްރެއިނިން ފެސިލިޓީއެއް ގާއިމްކުރުމަށް 14 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ އިތުރުން ސީއެޗްއެސްސީ އިމާރާތަށާއި ހުޅުމާލޭގައި ހަދާ އާ ސްކޫލް އިމާރާތަށް އަދި ދަރުމަވަންތަ ސްކޫލް އިމާރާތަށް ޖުމްލަ 67 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މަތީ ތައުލީމުގެ ދާއިރާއިން އެންމެ ފަހުރުވެރިވަ އެއްކަމަކީ މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފްކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8200 އަށްވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވުމުގެ މަގު ފަހިކޮށްދެވިއްޖެ ކަމަށެވެ. މި ސަރުކާރުން ހަމަޖައްސައިދިން ސްޓޫޑެންޓް ލޯނުގެ ލުއިތަކާއެކު 23 ގައުމެއްގައި 1082 ދަރިވަރަކު މިހާރު މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.