ޔޯލަ އޯލަ ހަބަރުތައް ނުފަތުރައި، ތެދު ހަބަރުތައް ފެތުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ނޫސްވެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު، ރައްޔިތުންގެ ވަރަށް ގިނަ ހައްގުތަކެއް ހުރީ ހިފަހައްޓާފައި ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުވެސް ކުރެއްވި ކަމަކީ ހިޔާލުފާޅު ކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ދޫކޮށްލެއްވުން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ދުވަހުވެސް ކުރިކަމަކީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދޫކޮށްލުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިމޮކްރެޓިކް ވެރިކަމެއް، ޖުމްހޫރީ ވެރިކަމެއް ހިންގުމަށްޓަކައި އެއީ ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް މި ދޫކޮށްލެވުނު މިނިވަންކަމުގެ ތެރޭގައި ނޫސްވެރިންނަށް، ކޮންމެ ދިމާލަކަށް ވެސް ގައުމު ގެންދެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި ދޫކޮށްލެވުނު މިނިވަންކަމުގެ ތެރޭގައި ނޫސްވެރިންނަށް ގައުމު ގެންދެވިދާނެ ކޮންމެ ދިމާލަކަށްވެސް، ކޮންމެ މިސްރާބަކަަށްވެސް، ހަލަބޮލި، ހަމަނުޖެހޭ ތަނަކަށްވެސް މި ގައުމު ހަދާލެވިދާނެ. ހަމަ ސުލްހަވެރި އަމާން ތަނެއްގެ ގޮތުގައިވެސް ރާއްޖެ ބޭއްވިދާނެ،" ރައީސް ވިދާޅުވިއެވެ.

އެހެންވީމާ ދޮގު ހަބަރުތައް ނުފަތުރައި އެހެން ދެކެވޭ ޔޯލަޔޯލަ ވާހަކަތަކުގެ މައްޗަށް ހަބަރުތައް ގެނެސް ނުދީ ހަގީގަތް ހާމަކޮށްދިނުމަށް އިލްތިމާސްކުރައްވާ ކަމަށާއި އޭރުން ގައުމު ދާނީ ރަނގަޅު ދިމާލަށް ކަމަށްވެސް ވިދާޅުވިއެވެ.