ތަފާތު ދަތިތަކާ ހުރެ، މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް، ބޭނުންފުޅުވި ސްޕީޑުގައި ކުރިއަށް ނުގެންދެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ މިއަދުގެ ފަށާއިރު ޕްރިގްރާމްގައި، އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި މިހާތަނަށް އައިއިރު، ބޭނުންފުޅުވެ ވަޑައިގެންނެވި ވަރަށް ކުރިއަށް ނުގެންދެވުުނ ކަންތައްތަކާބެހޭ ގޮތުން ޕްރެސެންޓަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ދިމާވެފައިވާ ދަތިތަކާ ހެދި ބޭނުންފުޅުވި ވަރަށް، ބޭނުންފުޅުވި ސްޕީޑުގައި އަދި ބޭނުންވި ހިސާބަށް ނުގެންދެވި ހުރި ބައެއް މަސައްކަތްތައް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތް ފާހަގަ ކުރައްވާ ކަމަށެވެެ.

"ދަތިތަކާ ހެދި އަޅުގަނޑު ބޭނުންވި ސްޕީޑުގައި އަދި ބޭނުންވި ހިސާބަށް ނުގެންދެވި ހުރި ބައެއް މަސައްކަތްތައްް އެބަހުރި. އެގޮތުން އެއްކަމަކަށް އަޅުގަނޑު ފާހަގަ ކުރާނަން އަޅުގަނޑު އެކުލަވައިލިން ހަމަ ފުރަތަމަ ދުވަހު ދެ ކޮމިޝަނެއް، އެއީ ވާނުވާއެއް ނޭނގި ގެއްލިފައި ތިބި މީހުންނާއި މަރާލެވިފައިވާ މީހުންގެ މަސައްކަތް ބެލުމަށް އެކުލަވައިކޮމިޝަނެއް، ހަމަ އެއާއެކީގައި ހާއްސަކޮށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް އަޅުގަނޑު ކޮމިޝަނެއް އެކުލަވައިލިން އެއީ ރައްޔިތުންގެ ވަަރަށްބޮޑު ކަންބޮޑުވުންތަކެއް އޮތް ދެ މައްސަލަ. އެ މަސައްކަތް އަޅުގަނޑުވެސް ހީކުރި ސްޕީޑަކު ނުގެންދެވޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތުގައި ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށައި، އެކަންތައްތައް ފެނުނީ މަސައްކަތް ފަށައިގަތް ފަހުން ކަމަށެވެ.

އެއިން ކޮންމެ ކަމެއްގެ އަޑިއަށް ވާސިލުވުމަށްޓަކައި ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތް ހުރިކަން ފާހަގަ ކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ އުނދަގޫތަކާ އެކުވެސް ރަނގަޅު މަސައްކަތްތަކެއް އެ ކޮމިޝަން ތަކަށް ކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހާއްސަކޮށް މަރު ކޮމިޝަނާ ގުޅިފައިވާ އާއިލާތަކުގެ ކަންބޮޑުވުންތައް އެއީ ވަރަށް އުނދަގޫފަޅުވަމުންދާ ކަމެއް ކަމަށާއި، ކޮމިޝަނުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުން މަސައްކަތް، ހަލުވި ކުރެއްވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.