މިމަހުގެ 17 ވަނަ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރޭ ދުވަހެވެ. ގިނަ އުންމީދުތަކަކާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރު ވެސް ވަރަށް ކާމިޔާބެވެ. ހަމަ އެގޮތަށް ވެރިކަމުގެ ދެވަނަ އަހަރުވެސް ވެގެން ގޮސްފައިވަނީ ގޮންޖެހުންތަކަކާއެކު ނަމަވެސް ކާމިޔާބު އަހަރަކަށެވެ.
ރިޔާސީ އިންތިހާބު 2018 ގައި އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި އެމްޑީޕީގެ ފަރާތުން ނުކުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެގެން ގޮސްފައިވަނީ "ސަޕްރައިޒް" އަކަށެވެ. ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހު ނެރުއްވާނެ ކަމަކަށް އޭރު ގިނަ ބައެއްގެ ހިޔާލަށް ގެނެވިފައެއް ނުވެއެވެ.
ކޯލިޝަނަކާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ސޯލިހު ވަނީ ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ދެން ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި ރައީސް ސޯލިހުގެ ދުވަސްވީ ރަހުމަތްތެރިޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފުރިހަމަ އިހުތިރާމް ދެއްވިއެވެ.
ރައީސް ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނަކާ އެކުގައެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ނުވަނީސް، ކޯލިޝަން ތެރޭގައި މައްސަލަތަކެއް ޖެހި، ކޯލިޝަން ވަނީ ރޫޅިފައެވެ. އެއާ ހިލާފަށް ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރުވެގެންދިޔަ އިރުވެސް، ވެރިކަން ކުރައްވަނީ ކޯލިޝަން ޕާޓްނަރުންނާއެކުއެވެ.
މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގައިފައެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިންމާފައިވާ އިރު، ހިނގަމުން އަންނަ މަޝްރޫއުތައް ވެސް ގިނައެވެ. އަދި ބޮޑެތި ބައެއް މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ނިމިގެންދާނެއެވެ. އޭގެ ތެރޭގައި ހއ. ހޯރަފުށި ރައްޔިތުން އެންމެ ބޮޑަށް އިންތިޒާރުކުރާ ހޯރަފުށި އެއާޕޯޓު ހިމެނެއެވެ. އަދި މާލޭގައި ތަރައްގީކުރި އަޑިޕާކް މިއަދު ހަވީރު ރަސްމީކޮށް ހުޅިވިގެންދާނެއެވެ.
އޭގެ އިތުރުން ވެސް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ވިޔަފާރީގެ ދާއިރާއަށް ވެސް މި ސަރުކާރުން ވަނީ ތަރައްގީގެ ގިނަ ކުރިއެރުންތަކެއް ގެނެސްދީފައެވެ. ގިނަ ރަށްތަކެއްގައި ބަނދަރު ހެދުމާއި ބިން ހިއްކުމާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ވަނީ މަޝްރޫއުތަކެއް ހިންގައިފައެވެ.
ސިއްހީ ދާއިރާއަށް ބަލައިލާ އިރު، އަތޮޅުތެރޭގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތައް ވަނީ ތަރައްގީކޮށްފައެވެ. އެގޮތުން ރަށްރަށުގައި ޓާޝަރީ ހޮސްޕިޓަލުތައް އެޅުމަށް ސަރުކާރުން ނިންމައި، މިހާރު އެ މަޝްރޫއުތައް ހިންގުމަށް ވަނީ ބިޑަށް ހުޅުވާލައިފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ ހާއްސަކޮށް، ޓާޝަރީ ހޮސްޕިޓަލުތައް ހެދުމަށް 191 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އޭގެ އިތުރުން އަންނަ އަހަރު ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް 98 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
މިއަހަރު ކުރިމަތިވި ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ސިއްހީ ދާއިރާ ތަރައްގީކުރުމަށް އެތައް މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑަށް ފަރުވާދިނުމަށް ފެސިލިޓީތަކެއް ތަރައްގީކުރިއެވެ. އޭގެ އިތުރުން ސިއްހީ ފަރުވާދިނުމަށް ވެންޓިލޭޓަރުތައް ގެނައުމާއި އިތުރު ވަސީލަތްތައް ގެނައުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ. މާލެއެކޭ އެއް ފެންވަރެއްގެ ސިއްހީ ހިދުމަތް އަތޮޅުތަކުން ވެސް ލިބުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.
ތައުލީމީ ދާއިރާގައި ސްކޫލު ކުދިންނަށް ހެނދުނުގެ ނާސްތާ ޕްރޮގްރާމު ވެގެންދިޔައީ ވަރަށް ވެސް ކާމިޔާބު ޕްރޮގްރާމަކަށެވެ. އެއްވެސް ކުއްޖެއް، އެއްވެސް ރަށެއް ބާކީ ކުރުމެއްނެތި ހިންގަމުން އައި އެ ޕްރޮގްރާމުގެ މަގުސަދަކީ ކުދިންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމެވެ. ނާސްތާ ޕްރޮގްރާމުގެ އިތުރުން ހިލޭ ޑިގްރީއަށް ކިޔެވޭނެ މަގު ވެސް މި ސަރުކާރުން ވަނީ ތަނަވަސްކޮށްދީފައެވެ.
މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވެސް ހާއްސަ އިސްކަމެއް ދިނެވެ. އެ ވިޔަފާރިތަކަށް އެހީތެރިވެދީ، ލޯނު ދޫކުރުމުގެ ގޮތުން ސަރުކާރުން ވަނީ އެސްއެމްއީ ބޭންކެއް ހުޅުވައިފައެވެ. ކޮވިޑާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެ ބޭންކު މެދުވެރިކޮށް އެ ވިޔަފާރިތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މަސްވެރިކަމުގެ ދާއިރާއަށް ބަލައިލާ އިރު، މަސް ގަންނަ އަގުގެ ކޮންޓްރޯލް ދޫކޮށްލުމާއި ގޭދޮށު މަސް ފެކްޓަރީތައް ހެދުމަށް ނިންމުން ހިމެނެއެވެ. އޭގެ އިތުރުން މަސްވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލަން ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތާއި މިފްކޯ މެދުވެރޮިކޮށް ކިރާ މަހަށް ވަގުތުން ފައިސާ ދޭން ފެށުންވެސް ވެގެން ގޮސްފައި ވަނީ މަސްވެރީންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ.
ކުޅިވަރުގެ ދާއިރާގައި ސަރުކާރުން ވަނީ އަތޮޅު ތެރޭގައި ގިނަ ފުޓުބޯޅަ ދަނޑުތަކަކާއި ފުޓްސަލް ދަނޑުތަކެއް ތަރައްގީކޮށްފައެވެ. އޭގެ އިތުރުން ސިންތެޓިކް ޓްރެކަކާއި ފޫލް ބިލިއާޑް ކުޅުމަށް ހާއްސަ ތަނަކާއި ވޮލީ ކޯޓުތައް ވަނީ ތަރައްގީކޮށްފައެވެ. ރާއްޖޭގައި 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމަށް ކުރި ބިޑް ކާމިޔާބުކުރުމަށް ވެސް ސަރުކާރުގެ ދައުރު ބޮޑެވެ. އަދި މި ސަރުކާރުން ވަނީ ސިޔާސީ ނުފޫޒެއް ނެތި ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމަށް ޖާގަ ހޯދައިދީފައެވެ.
މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ، ތިލަމާލެ ބުރިޖު މަޝްރޫއުއަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުއެވެ. އެ ބުރިޖަކީ އިންޑިއާގެ ލޯނު އެހީގައި ހަދާ 6.7 ކިލޯ މީޓަރުގެ ބުރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ ބުރިޖެކެވެ.
ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދާދިފަހުން ވިދާޅުވެފައިވާ ގޮތުގައި ތިލަމާލެ ބްރިޖު މަޝްރޫއުގެ ކޮންޓްރެކްޓުގައި އަންނަ މާޗް ހިސާބުގައި ސޮއިކުރެވިގެންދާނެއެވެ. އަދި ބްރިޖު މަޝްރޫއު ބަޔަކާ ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށާއި އެހެންކަމުން ޝެޑިއުލްއާ އެއްގޮތަށް ދާނަމަ 2023 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ބުރިޖުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ތިލަމާލެ ބްރިޖު މަޝްރޫއަށް އެކްސްޕޯޓް އިމްޕޯޓް ބޭންކު އޮފް އިންޑިއާ (އެގްޒިމް ބޭންކު) އިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ދީފައެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.
އެ މަޝްރޫއަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީ ފާމް، އެމްއެސް އަރޫފް ލިމިޓެޑަކީ ދިވެހި ސަރުކާރުން ހޮވާފައިވާ ކުންފުންޏެކެވެ. އެ ފާމުން ތައްޔާރުކުރި ޕްރޮޖެކްޓް ރިޕޯޓަށް ދެގައުމުގެ ސަރުކާރުން ވަނީ ރުހުން ދީފައެވެ.
އަންހެނުންނަށް ހަމަހަމަ ފުރުސަތެއް ނުލިބޭ ވާހަކައަކީ މީގެ ކުރިން އަބަދުވެސް ދެކެވެމުންދިޔަ ވާހަކައެކެވެ. ކުރިއަރައިގެން ދިއުމަށް ފިރިހެނުންނަށް ލިބޭ ފުރުސަތު އަންހެނުންނަށް ނުލިބޭ ޝަކުވާއަކީ ބޮޑު ޝަކުވާއެކެވެ. އެކަމަށް ހައްލެއް ގެނެސްދޭން އެންމެ އިސްކަމެއް ދިން ސަރުކާރަކީ ރައީސް ސޯލިހުގެ ސަރުކާރެވެ.
ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް އެމަނިކުފާނުގެ ކެބިނެޓަށް ބަލައިލިޔަސް، އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވެގެންދެއެވެ. ރައީސް ސޯލިހުގެ ކެބިނެޓުގައި ހަ އަންހެން ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. އެއީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ވެސް އަންހެން ފަނޑިޔާރުން ހިމެނެއެވެ. އެގޮތުން ސުޕްރީމް ކޯޓުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންނަކީ އަންހެން ފަނޑިޔާރުންނެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ. އޭގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ ގޮތުގައާއި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ވެސް އަންހެނުން ގިނަކަން ފާހަގަކޮށްލެވެއެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި އަންހެން ބޭފުޅުން ހިމެނިވަޑައިގެންނެވުމަކީ ތާރީހީ ގޮތުން ވެސް ބޮޑު ކާމިޔާބެކެވެ. މިނިވަން މުއައްސަސާތަކަށް ބަލާއިރު ވެސް ގިނަ މުއައްސަސާތަކުގައި އަންހެން ބޭފުޅުން ގިނަ އެވެ. އަދި ހަމަ އެހެންމެ ބައެއް މުއައްސަސާތަކުގެ އެންމެ މަތީ މަގާމުތަކުގައި ވެސް ތިއްބެވީ އަންހެން ބޭފުޅުންކަން ފާހަގަކޮށްލެވެ އެވެ.
މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވައި، ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ލާމަރުކަޒީ ގާނޫނަށް ވެސް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެއީ ލޯކަލް ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުމެވެ. އެ ގޮނޑިތަކުގެ އިތުރުން ވެސް ކައުންސިލުތަކުގެ އެހެން ގޮނޑިތަކަށް ވާދަކުރުމުގެ ފުރުސަތު ވެސް އަންހެނުންނަށް ވަނީ ހުޅުވާލައިފައެވެ. އެހެން ކަމުން މިއީ މިއިން ޒަމާނެއްގައިވެސް އަންހެނުންނަށް ސިޔާސީ ގޮތުންނާއި އިސް ސަފުގައި ބަސް ބުނުމުގެ ދާއިރާއިން ނުލިބޭ ފަދަ ފުރުސަތު ތަކެކެވެ.
މި ހުރިހާ ކަމަކަށް ބަލައިލިޔަސް، މި ސަރުކާރުގެ ދެ އަހަރަކީ ވަރަށް ކާމިޔާބު ދެ އަހަރު ކަމުގައި ބުނެވިދާނެއެވެ. އިގުތިސާދު އާރާސްތުކުރުމަށާއި ތަރައްގީ ގެނައުމަށް ސަރުކާރުން އަންނަ އަހަރަށް ހިންގަން ރާވާފައިވާ މަޝްރޫއުތައް ވެސް ގިނައެވެ.
މި ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމެވެ. މިހާތަނަށް ދިވެހި ސަރުކާރަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީއެވެ. ކޮވިޑުގެ މި އުނދަގޫ އަހަރުގައި ވެސް ސަރުކާރުން ވަނީ ތަރައްގީތަކެއް ގެނެސްދީފައެވެ. ކޮވިޑާ ގުޅިގެން އިގުތިސާދަށް ބޮޑު އަސަރެއް ކޮށްފައިވީ ނަމަވެސް، ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެކަން ރައްޔިތުން ހެޔޮ ހިތުން ބަލައިގަނެއެވެ. ސަރުކާރުގެ އެންމެ މުވައްޒަފަކުވެސް ވަކި ކޮށްފައެއް ނުވެ އެވެ. ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި އެންމެ މަތީ ދަރަޖަޔަކަށް އަމިއްލަ ވިޔަފާރިތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީ، އެހެނިހެން ދާއިރާތަކުން ވެސް ރައްޔިތުންނަށް ގިނަގުނަ ލުއިތަކެއް ވަނީ ދީފަ އެވެ.
ކޮވިޑުގެ އަސަރު ކުރި ދުނިޔޭގެ ގިނަ ގައުމުތަކާ އަޅައި ބަލާއިރު ރާއްޖެއިން ހޯދާފައިވާ ކާމިޔާބު ވެސް ފާހަގަ ކޮށްލެވެ އެވެ. މިއަދު މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ކޮވިޑް ކޮންޓްރޯލު ކުރެވިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، އަދި ވަކީން ހާއްސަކޮށް އާމްދަނީ ސުމެއްގައި އޮވެ އެއް އަހަރު ހޭދަކުރުމާ އެކު ވެސް، ރައީސް ސޯލިހުގެ ވެރިކަމުގެ މި ދެ އަހަރު ފާހަގަ ވެގެން ގޮސްފައި މި ވަނީ ކާމިޔާބު ދެ އަހަރުގެ ގޮތުގަ އެވެ. ދެއްކެވި ނަތީޖާއަށް، އަދި ކުރެއްވި ހިތްވަރަށް އެކެއް ދޭން ޖެހެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް