ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދީފައިވާ ރަށްތަކުގެ ތެރެއިން ގިނަ އަހަރުތަކެއް ވަންދެން ނުހެދި، ހުއްޓިފައި ހުރި ރަށްތައް އަލުން ހަދަން ފެށުން ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބެއް ގެނެސްދޭނެ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ދައުލަތުގެ ބަޖެޓް" ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ރޭ ވިދާޅުވީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް ދީފައިވާ ރަށްތައް ނުހެދި ހުރުން ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމަށާއި ބަޖެޓަށް އެންމެ އުޖާލާކަމެއް ގެނުވާނީ ނުހެދި ހުރި ރަށްތަކަށް ހައްލެއް ލިބި ހަދަން ފެށިގެން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ އެކަމާ ގުޅޭ ބިލް މިހާރު ތައްޔާރު ކުރެވި، އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލު ކުރެވިފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ބިލް މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ބިލް މަޖިލީހުން ފާސްވެ، ނުހެދިފައި ހުރި ރަށްތައް އަލުން ހަދަން ފެށިގެންދާނެ ކަމަށެވެ.
"51 ރަށްވަރު އެބައޮތް ގުޑާ ނުލައި، ދައުލަތަށް އެއްޗެއް ލިބެނީއެއް ނޫން. ވަޒީފާއެއް ލިބެނީއެއް ނޫން. އެހެންވީމަ އެކޮނޮމީއެއް ނުހިނގާނެއެއް ނޫންތޯ. މި ރަށްތައް ވުޖޫދަށް އައިސް މި ރަށްތަކުން ލިބޭ އާމްދަނީއިން މިހާރު ޑެފިސިޓަށް ޖަހާފައި އޮތް އަދަދު ވަރަށް ބޮޑުތަން ރަނގަޅު ކޮށްލަދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެންމެ މުހިންމީ ނުހެދި ހުރި ރިސޯޓްތައް ހެދިގެން ދިއުން ކަމަށާއި އެރަށްތައް ހެދޭނެ މަގު ފެނިފައިވާ ކަމަށެވެ. އެކަމަށްޓަކައި މޮޑެލްއެއް ތައްޔާރުކުރެވި، ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށާއި ވަރަށް އަވަހަށް އެރަށްތައް ހިނގައިގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އޭރުން ވާނެ ރާއްޖޭގެ ފަތުރުވެރިކަން އިންގިލާބުކޮށްލި ބަދަލަކަށް. 12، 13 އަހަރު ގުޑާ ނުލާފައި ހުރި ރަށްތައް ތަޅުތައް ނައްޓާލާފައި ކުރިއަށް ދިއުން، އޭގެން ދައުލަތަށް ފައިސާ ވަންނާނެ. އޭގެން މިއަހަރުގެ ބަޖެޓްގެ ޑެފިސިޓްގައި އިން 15 ބިލިއަން ކުޑަކޮށްލުމެއްގެ ފުރުސަތު އެބައޮތް. މި ބަޖެޓްގައި ހުރި އަދަދުތަކަށްވެސް ބަދަލު އައުމުގެ ފުރުސަތު އެބަ އޮތް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 14 އަހަރު ނުހެދި އޮތް ރިސޯޓެއް ނިމުމުގެ މަރުހަލާގައި އޮތް ކަމަށާއި އަންނަ އަހަރު އެ ރިސޯޓް ހުޅުވާނެ ކަމަށެވެ. މިއީވެސް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އަންނަ އަހަރު އެއް މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި 2022 ވަނަ އަހަރު ފަތުރުވެރިކަން ހަމައަކަށް އެޅޭނެ ކަމަށެވެ. އަދި އެ އަހަރު ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމަށް ރަން އަހަރަކަށް ކަމަށް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް