ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ ދައުވަތަކަށް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވައިލެއްވުމަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުގައި ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދާއެކު މަޝްވަރާކުރެއްވި ކަމަށެވެ. އަދި މަސައްކަތް އަވަސް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
މި ދަތުރުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ސަރުކާރުގެ އިސްވެރިންނާއި އިދިކޮޅު ފަރާތްތަކާވެސް ބައްދަލުކުރައްވައިފައެވެ. އެގޮތުން ރައީސް އިބްރާހިމް ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމާ ވެސް ބައްދަލުކުރެއްވިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަަސްލަމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ވެސް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ބައްދަލުކުރައްވައިފައެވެ.
މީގެ އިތުރުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ އިދިކޮޅުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައިފައެވެ. އެގޮތުން މިއަދު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.
ހަރްޝް ވަރްދަންގެ މި ދަތުރުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަތަރު އެމްއޯޔޫއެއްގައި ވަނީ ސޮއިކުރައްވައިފައެވެ. އޭގެ ތެރޭގައި މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ، ތިލަމާލެ ބުރިޖު މަޝްރޫއަށް އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އަދި ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދީ، ތަޖުރިބާ ހޯދުމަށް މަގުފަހިކުރުމަށްޓަކައި ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒްގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފައެވެ.
މީގެ އިތުރުން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ ދެ މަޝްރޫއަކާ ބެހޭ އެމްއޯޔޫގައިވެސް ވަނީ ސޮއިކޮށްފައެވެ. އެ ދެ މަޝްރޫއަކީ ހދ. ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސާޗް ސެންޓަރެއް ހެދުމާއި އައްޑޫ ސިޓީ ހުޅުދޫގައި ގާއިމުކުރާ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރު ތަރައްގީކުރުމުގެ މަޝްރޫއެވެ. އެ އެމްއޯޔޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރު ހެދުމަށް 1،711،434.60 ރުފިޔާ (1.7 މިލިއަން ރުފިޔާ) އަދި ހުޅުމީދޫ ޑްރަގް ޑީޓޮކްސް ސެންޓަރުގެ މަސައްކަތަށް 7،980،563.69 ރުފިޔާ (7.9 މިލިއަން ރުފިޔާ) އިންޑިއާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު